ރާއްޖޭގައި ފުރަތަމަފަހަރަށް އިންޖިނިއަރިންގ އެގްޒެބިޝަނެއް

2 months ago

އަފްރާހް

ރާއްޖޭގައި ފުރަތަމަފަހަރަށް އިންޖިނިއަރިންގ އެގްޒެބިޝަނެއް ބާއްވައިފިއެވެ.


މި އެގްޒިބިޝަން ކާމިޔާބުކަމާއެކު ބާއްވާފައިވަނީ ވިލާ ކޮލެޖުންނެވެ. އެ ކޮލެޖުގައި އާންމުންނަށް ހުޅުވާލެވިފައިވާ މި އެގްޒިބިޝަންގައި ވިލާ ކޮލެޖުން ހިންގާ މެކަޓްރޯނިކްސް، މެކޭނިކަލް، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް އިންޖިނިއަރިންގ ޑިގްރީ ޕްރޮގްރާމްތަކުގެ 40 އިންޖިނިއަރިންގ ޕްރޮޖެކްޓް ވަނީ ދައްކާލާފައެވެ.


މި ހަރަކާތް ފެށުމުގެގޮތުން ފެކަލްޓީ އޮފް އިންޖިނިއަރިންގގެ ހެޑް އޮފް ސްކޫލް، އުދުމާ އަބްދުއްލަތީފް ވިދާޅުވީ މިއީ ހަމައެކަނި އިވެންޓެއް ނޫން ކަމަށެވެ. އަދި މިއީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، މެކޭނިކަލް އަދި މެކަޓްރޯނިކްސް އިންޖިނިއަރިންގ ދަރިވަރުން އަހަރުތަކެއް ވަންދެން ދައްކުވައިދީފައިވާ ހިތްވަރު ކަަމަށެވެ.


މީގެއިތުރުން އެ ދަރިވަރުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ބުރަ މަސައްކަތުގެ ހެއްކެއް ކަމުގައި ވެސް އުދުމާ ވިދާޅުވިއެވެ.


މި އެގްޒިބިޝަން އިފްތިތާޙު ކުރައްވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީތަކުގެ ދަރިވަރުން އީޖާދީ އިންޖިނިއަރިންގ ޚިޔާލުތަކާއިގެން ކުރިއަށް އަންނަ ފަދައިން، މި ގައުމުގެ ވެސް ބިމުގެ ސިފަތަކާ ގުޅޭ ގޮތަށް އިންޖިނިއަރިންގ ޙައްލުތަކަށް މަސައްކަތް ކުރަންވާނެ ކަމަށެވެ.


ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް އެހީތެރިކަމެއް ބޭނުންވާނަމަ އެކަމަށް އުފަލާއެކު އެހީތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


މި އެގްޒިބިޝަންގައި އިރުގެ ހަކަތަ، އަޑުން ކޮންޓްރޯލްކުރެވޭ ކޮމްޕިއުޓަރ މެޝިންތަކާއި އެހެނިހެން އީޖާދީ މަޝްރޫއުތައް ދައްކާލިއެވެ.


ކިޔުންތެރިންގެ ހިޔާލު