މައްލާ ޅަތުއްތުގެ ޖަނާޒާ ބާއްވައިފި

2 months ago

އަފްރާހް

ފުޓްބޯޅަ ރެފްރީ އަދި ހިދުމަތްތެރިޔާ ހ. ސާވަން، މައްލާ ޅަތުއްތުގެ ޖަނާޒާ ބާއްވައިފިއެވެ.


މަރްހޫމަށް ކަށުނަމާދުކުރުން އޮތީ މިއަދު މަޣްރިބު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައެވެ. އަދި މޫނުދެއްކުން މެންދުރުފަހުު 2:30 ން ފެށިގެން އިސްލާމީ މަރުކަޒުގައި ބާއްވާފައިވާއިރު، މަރްހޫމުގެ ހަށިގަނޑު ފަސްދާނުލީ ގަލޮޅު ސަހަރާގައެވެ.


މައްލާ ޅަތުއްތުގެ މޫނު ދެކެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ވެސް ހާޟިރުވިއެވެ.  އިމާމުވެ ކަށުނަމާދު ކުރެއްވީ އިސްލާމީ މަރުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފެވެ.


މައްލާ ނިޔާވީ އިންޑިއާގެ ޓްރެވެންޑްރަމްގައި ބޮޑު ބައްޔަކަށް ފަރުވާ ހޯއްދަވަމުންދަނިކޮށް 76 އަހަރުގައި މި އޮގަސްޓް މަހުގެ 15 ވީީ ބްރާސްފަތި ދުވަހުއެވެ.


ރާއްޖޭގައި ފިފާ ރެފްރީގެ ބެޖު އެންމެފުރަތަމަ ލިބުނު ދެ ބޭފުޅުންގެ ތެރެއިން އެއްބޭފުޅާ ކަމަށްވާ މައްލާ ވަނީ ގާތްގަޑަކަށް 52 ދެއަހަރު ރެފްރީކަން ކުރައްވައި، ގިނަ ބަޔަކު އެ ދާއިރާ އިން ތަމްރީނު ވެސް ކުރައްވާފައެވެ.


ކުޅިވަރުގެ ރޮނގުން 1990 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2021 ވަނަ އަހަރު ލިބިލައްވާފައިވާއިރު، މައްލާ އަށް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2022 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.


މީގެއިތުރުން ދިވެހި ދައުލަތަށް ވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މައްލާ ސަރުކާރުގައި ހިދުމަތް ކުރައްވަން ފެއްޓެވީ އުމުރުން 16 އަހަރުގައި، 1964 ވަނަ އަހަރުއެވެ. ސިފައިންގެ މީހެއްގެ ވަޒީފާއިން ސަރުކާރަށް ހިދުމަތް ކުރައްވަންފައްޓަވައި، ހޯމް އެފެއާޒްގެ ރަޖިސްޓްރޭޝަން ޑިވިޜަންގެ އިނގިރޭސި ކާތިބުކަމާއި، ކުޅިވަރާބެހޭ ބައިގެ ސެކްރެޓެރީކަން ވެސް ވަނީ ކުރައްވާފައެވެ.


ހަމަމިއާއެކު އެސްޓީއޯގެ ސެކްރެޓެރީއެއްގެ މަގާމު 1976 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ލިބިވަޑައިގަތުމާއެކު ގާތްގަޑަކަށް 16 އަހަރު އެ ވަޒީފާގައި ދެމިހުންނެވިއެވެ. އަދި ސޭލްސްއާ ބެހޭ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވިއެވެ.


މައްލާ ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގައި ވެސް އެކިއެކި މަގާމުތަކުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. ޕަބްލިކް ވާކްސް މިނިސްޓްރީގެ ފައިނޭންސް ސެކްޝަނާއި، މާލޭ ހާބަރ ސެކްޝަންގައި ވެސް ހިދުމަތް ކުރެއްވިއެވެ.


މައްލާ ޅަތުއްތު އެންމެފަހުން ޚިދުމަތް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އެ އިދާރާގައި ވެސް ހަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއިރު، އެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު