ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ގާއިމުކުރުމުގެ ދިރާސާކުރަން ހަވާލުކޮށްފި

4 months ago

އަފްރާހް

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ޤާއިމުކުރުމުގެ ދިރާސާ ފެށުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ފްލޯޝަންއާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.


އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ ފްލޯޝަންގެ މެނޭޖިންގ ޑިރެކްޓަރ، އަލެގްޒަންޑަރ ފުލެސަންގ އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދެއެވެ.


މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖެ، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އަދި އެމް.ޑަބްލިޔު.އެސް.ސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.


މި ދިރާސާގައި ކަނޑު އަޑީގައި އާރ.އޯ ޑީސެލިނޭޝަން ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ހޯދުމާއި، އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިގޮތަށް ފެންއުފެއްދުމާއި ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.


މި ދިރާސާގައި އެމް.ޑަބްލިޔު.އެސް.ސީގެ މައިގަނޑު ދައުރަކަށްވާނީ މިހާރު ލިބެންހުރި މިކަމާއިގުޅޭ މައުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހިތެރިކަން ފޯރުކޮށްދިނުމެވެ.


މީގެއިތުރުން ރާއްޖޭގައި މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.


ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމަކަށްވާއިރު، މިދިރާސާގެ އަލީގައި މިފަދަ ނިޒާމެއް ގާއިމްކުރެވިއްޖެނަމަ، ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީއާއި ފެނުގެ ޑިމާންޑާއި އެއްވަރަށް ފެން އުފެއްދޭވަރާއި ރައްކައުކުރެވޭނެ ނިޒާމުގެ ޤާބިލުކަން އިތުރުކުރެވޭނެ އައު އިޖާދީ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.


މީގެ ސަބަބުން، ސާފު ރައްކައުތެރި ފެން އުފައްދާ ފޯރުކޮށްދޭ ނިޒާމް ޤާއިމްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ޙައްލު ލިބި، ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތައާއި އެކަމަށް ހޭދަކުރެވޭ ޚަރަދު ކުޑަކުރެވިގެން ދާނެއެވެ.


މިދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކާއި އ.ދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ގައުމީ ފެންވަރުގައި ރައްކައުތެރި ބޯފެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ފޯރުކޮށްދެވި، އޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދެވޭނެވެ. އަދި ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށްވެސް މިނިޒާމް މުހިންމު ދައުރެއް އަދާކުރާނެއެވެ.


އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކައުތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު