އައިސް ޕްލާންޓްތައް ހަވާލުކުރެވެންދެން މަސްވެރިންނަށް އައިސް ފޯރުކޮށްދޭނަން: ފެނަކަ

2 months ago

އަފްރާހް

އައިސް ޕްލާންޓްތައް މިފްކޯއާ ހަވާލުކުރެވެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަނުން ދެއްވައިފިއެވެ.


އެ ކޯޕަރޭޝަނުން މިފަދައިން ވިދާޅުވެފައި މިވަނީ އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްއާއި މިނިސްޓްރީގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވަނިކޮށެވެ.


ފެނަކައިން ވިދާޅުވީ އައިސް ޕްލާންޓްތައް ދޫކޮށްލުމުގެ މަރުހަލާ ނިމެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދެއްވާނެކަމަށް އެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެފައިވާ ކަމަށެވެ.


މީގެ ދެހަފުތާ ކުރިން ފެނަކަ ކޯޕަރޭޝަންގެ ބޯޑުންވަނީ މީގެ ކުރިން އެކުންފުނިން ކުރިޔަށް ގެންދިޔަ އައިސްޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުތަކާއި އެކުންފުނީގެ ދަށުގައިވާ އައިސްޕްލާންޓުތައް ހިންގުން ހުއްޓާލުމަށް ނިންމާފައެވެ.


އެމްޑީ މުޢާޒު ވިދާޅުވެފައިވަނީ ފެނަކައިން އައިސްޕްލާންޓްތައް ހިންގުން ހުއްޓާލަންނިންމީ އެމަޝްރޫއުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުންދިއުމާއި ކުންފުނީގައި އައިސް ޕްލާންޓް ހިންގުމުގެ ފަންނީ ގާބިލުކަން ނެތުން ކަމަށެވެ. އަދި އެ މަސައްކަތަކީ ކުންފުނީގެ މޭންޑޭޓާއި ޚިލާފު ވެސް މަސައްކަތަކަށްވުން ހިމެނޭ ކަމަށެވެ.


އައިސް ޕްލާންޓްތަކުން އޮޕަރޭޝަނަލީ އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ގެއްލުން ވަމުން އައިސްފައިވާ ކަމަށް ވެސް މުޢާޒު ވިދާޅުވިއެވެ. އަދި މިހާރުގެ މެނޭޖްމަންޓުން ނިންމާފައިވަނީ ކުންފުންޏަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރިއަށް އޮތް ތަނުގައި ނުކުރަން ކަމަށް ވިދާޅުވިއެވެ.


ކުންފުނީގެ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، ފެނަކައިގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ދަރަނިތައް ޚަލާސްކޮށް ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދުމެވެ. 


ކިޔުންތެރިންގެ ހިޔާލު