ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ސައޫދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

2 months ago

އަފްރާހް

ރާއްޖޭގެ ފޮރިން މޫސާ ޒަމީރު، ސައޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސަޢުދާ ބައްދަލުކުރައްވައިފިއެވެ.


އެމަނިކުފާނު، އެގައުމުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާއަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.


ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ސަޢުދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑު ވަޒީރު، ހިސް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އެޑްރެސްކުރައްވާ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅެއްވަނީ ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރުގެ އަތްޕުޅަށް އަރުވާފައެވެ.


މި ބައްދަލުކުރެއްވުމުގައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިޤްތިޞާދީ ރޮނގުންނާއި ބައިނަލްއަޤްވާމީ މަސްރަހުގައި މި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.


މީގެ އިތުރުން މިނިސްޓަރ ޒަމީރު ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.


މި ބައްދަލުވުމުގައި، މިނިސްޓަރ ޒަމީރުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަސީރު، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސަޢީދު، ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ އަދި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަޙުމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު