ދިރާގު ރޯޑު ރޭހަށް ހުޅުމާލޭގެ ބައެއް މަގުތައް މާދަމާ ބަންދުވާނެ

1 month ago

އަފްރާހް

ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެބޮޑު އިވެންޓު ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހިނގަމުންދާ ވަގުތުތަކުގައި ހުޅުމާލޭގެ ބައެއް މަގުތައް ބަންދުކުރުމަށް ނިންމައިފިއެވެ.


ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި އިވެންޓަށް ބަންދުކުރުމަށް ނިންމާފައިވަނީ ފިތުރޯނު މަގާއި މިދިލި މަގާއި ހައިވަކަރުމަގާއި އޯކިޑްމާ ހިނގުމާއި ކުރެދިމާ ހިނގުމުގެ ބަޔަކާއި ރީތިގަސް މަހުގެ ބައެއް ސަރަހައްދުތަކެވެ.


މީގެއިތުރުން މިމަގުތަކާއި ގުޅިފައިވާ ބައެއް މަގުތަކުގެ ޓްރެފިކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން ރީތިގަސް މަގުގެ ސައިމާ ހިނގުމުން ދެކުނު އެއްކޮށްޅަށް ދުއްވާ ގޮތަށް ބަދަލުކުރުމާއި ބަނަފްސާ ހިނގުމާއި ކުރިކީލަމަގު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެފައިވަނީ މި ބަދަލުތައް ގެންނާނީ 25 އޮކްޓޫބަރ (މާދަމާ) ގެ ފަތިހު 4 ން ހެނދުނު 9:15 އަށާއި ހަވީރު 3:30 އިން ފެށިގެން އިރުއޮއްސި 6:15 އަަށް ކަމަށެވެ.


ޓްރެފިކަށް އަންނަ ބަދަލުތަކުގެ އިތުރުން ރޯޑްރޭސްގައި ބައިވެރިވާ ފަރާތްތަކުގެ ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދުތައް ވެސް މިހާރުވަނީ ކަނޑައަޅާފައެވެ.


މި ދުވުމުގެ ހޮސްޓިންގ ޕާޓްނަރއަކަށް އެޗްޑީސީ ހަމަޖައްސާފައިވާއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއެވެ.


ދިރާގުގެ މި ދުވުމަކީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.


ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަމައެކަނި ދުވުން، ޑީ.އެމް.އާރް.އާރްގައި މިއަހަރު 4،400 ދުވުންތެރިން ބައިވެރިވާނެއެވެ. މި ރޭހުގެ ހާފް މެރެތަން އަދި 10ކޭ ރޭސްތައް ކުރިއަށް ދާނީ ހެނދުނުގެ ވަގުތުތަކުގައެވެ. އަދި 5ކޭ ރޭސް ކުރިއަށްދާނީ ހަވީރު 4:30 ގައެވެ.


ކިޔުންތެރިންގެ ހިޔާލު