ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން އިލެކްޓްރިޝަން ކޯހެއް ހިލޭ

2 hours ago

އަފްރާހް

ކަނބަލުންނަށް ހާއްސަކޮށްގެން އިލެކްޓްރިޝަން ކޯހެއް ހިންގުމަށް ސްޓެލްކޯ އިން ނިންމައިފިއެވެ.


އެ ކުންފުނިން ވިދާޅުވީ މިއީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، އެ ދާއިރާގައި ފިރިހެނުންނާއި އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ކޯހެއް ކަމަށެވެ.


'ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން' ގެ ނަމުގައި ކަރަންޓާއި ގުޅޭ އަސާސީ ކަންކަން ކިޔަވައިދިނުމަށް މި ކޯހުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.


މި ކޯހުގައި ކިޔަވައިދިނުމަށް ނިންމާފައިވާ ބައިތަކުގެ ތެރޭގައި ރައްކާތެރިގޮތުގައި ކަރަންޓު ބޭނުން ކުރުމާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަ ކުރުން ހިމެނެއެވެ. އަދި ކަރަންޓު ވަޔަރ ކުރުމުގެ އަސާސީ މައުލޫމާތު ވެސް ކިޔަވައިދޭނެއެވެ.


ސްޓެލްކޯ އިން ވިދާޅުވީ މާލޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ކޯހުގައި އުމުރުން 16 އަހަރު ފުރިފައިވާ ކޮންމެ ކަނބަލަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި ބައިވެރިވުމުގެ ސުންގަޑިއަކީ ނޮވެމްބަރ 4 ވަނަ ދުވަހުގެ ހަވީރު 3 ޖަހާއިރު ކަމަށެވެ.


މީގެއިތުރުން މިއީ ހަތަރު ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ކުރިއަށްގެންދާ ކޯހެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. 


ކިޔުންތެރިންގެ ހިޔާލު