އޭއޯއެސްއައި ޝޯޓް ކޯސް ސްވިމިންގ ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ގިނަ މެޑަލް ހޯދައިފި

2 months ago

އަފްރާހް

އޭއޯއެސްއައި ޝޯޓް ކޯސް/ އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހުނަރުވެރި ދެ ފެތުންތެރިން ކަމުގައިވާ މުހައްމަދު ރިހާން ޝިހާމްއާއި މެރާލް އައިން ލަތީފު އަދި ދަނިއާލް އަމީން ފައިސަލް ގިނަ މެޑަލްތަކެއް ހޯދައިފިއެވެ.


އޮގަސްޓު 18 ވަނަ ދުވަހު ކުރިއަށްދިޔަ އިވެންޓްތަކުން ރިހާން ތިން ރިހި މެޑަލްއާއި ލޯ މެޑަލްއެއް ހޯދިއިރު، މެރާލް ވަނީ ތިން ލޯ މެޑަލްއާއި ރިހި މެޑެއްޔެއް ހޯދާފައެވެ. އަދި ދަނިއާލް އަމީން ފައިސަލް ވެސް ވަނީ ލޯ މެޑަލްއެއް ހޯދާފައެވެ.


16 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާގައި ވާދަކޮށް ރިހާން ރިހި މެޑަލް ހޯދީ 50 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބަޓަރފްލައި އަދި 100 މީޓަރު ބެކްސްޓްރޯކް އިވެންޓުންނެވެ. ލޯ މެޑަލް ހޯދީ 200 މީޓަރު ފްރީސްޓައިލް އިވެންޓުގައެވެ.


އޭނާ 50 މީޓަރު ބެކްސްޓްރޯކް 29.06 ސިކުންތުން ނިންމިއިރު، 100 މީޓަރު ބަޓަރފްލައި އިވެންޓު ނިންމީ 59.69 ސިކުންތުންނެވެ. އަދި 100 މީޓަރު ބެކްސްޓްރޯކް ނިންމީ އެއް މިނެޓާއި 2.81 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ 200 މީޓަރު ފްރީސްޓައިލް އިވެންޓު ދެ މިނެޓާއި 03.06 ސިކުންތުން ނިންމައިގެންނެވެ.


14 އަހަރާއި 15 އަހަރުގެ އުމުރުފުރާގައި ވާދަކޮށް މެރާލް، ލޯ މެޑަލް ހޯދީ 200 މީޓަރު ބަޓަރފްލައި އިވެންޓު ދެ މިނެޓާއި 54.06 ސިކުންތުން އަދި 100 މީޓަރުގެ ބަޓަރފްލައި އިވެންޓު އެއް މިނެޓާއި 11.52 ސިކުންތުން ފުރިހަމަކޮށްގެންނެވެ. އަދި 321.14 ސިކުންތުން 50 މީޓަރު ބަޓަރފްލައި އިވެންޓު ނިންމައި ލޯ މެޑްލް ހޯދިއިރު، ރިހި މެޑަލް ހޯދީ 100 މީޓަރު އިންޑިވިޖުއަލް މެޑްލީ، އެއް މިނެޓާއި 14.07 ސިކުންތުން ނިންމައިގެންނެވެ.


މީގެއިތުރުން ދަނިއާލް ލޯ މެޑްލް ހޯދީ 50 މީޓަރު ބަޓަފްލައި އިވެންޓުގެ 12 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ ކެޓަގަރީގެ 50 މީޓަރު ބަޓަރފްލައި އިވެންޓު 31.14 ސިކުންތުން ފުރިހަމަކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު