ރާއްޖޭގެ ޕެރާ ޓީމު ފްރާންސަށް ފުރައިފި

2 months ago

އަފްރާހް

ޕެރަލިމްފިކް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޕެރާ ޓީމާ، ފްރާންސަށް ދިއުމަށް ފުރައިފިއެވެ.


މި ޓީމު ފުރީ މިއަދުއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މި ޓީމާއެކު ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރިޔާޒްއާއި ބައެއް އިސްވެރިން ވަނީ ވަޑައިގެންފައެވެ.


މިއޮގަސްޓް މަހުގެ 18 ވަނަ ދުވަހު ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ރާފިއު ވަނީ ޓީމާއި ބައްދަލުކުރައްވާ ހިތްވަރުދެއްވާފައެވެ. އަދި ޓީމަށް ރާއްޖޭގެ ގައުމީ ޖާރޒީ ހަވާލުކޮށްދެއްވިއެވެ.


މިނިސްޓަރު ވަނީ ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ނަތީޖާ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.


މި ޓީމުގައި ހިމެނޭ ޕެރަ އެތުލީޓުންނަކީ ފާތިމަތު އިބްރާހީމް (ފާތުން) އާއި އޭނާގެ ގައިޑް ރަނަރ ފާތިމަތު ޝަމްހާ އާއި އަބްދުލް ރައްޒާގް އަދި އޭނާގެ ގައިޑް ރަނަރ ހުސެއިން ޝިފާޒެވެ.


މިޓީމު ބައިވެރިވުމަށް ހަމަޖެހިފައިވަނީ 100 މީޓަރ އާއި 200 މީޓަރ ދުވުމުގައެވެ. ރާއްޖެއިން ޕެރަލިމްޕިކްގައި ބައިވެރިވުމަށް މިފަހަރު ފުރުސަތު ލިބިފައިވަނީ ހަމައެކަނި އެތުލެޓިކްސް އިވެންޓުގައެވެ. ޓީމުގެ ކޯޗުގެ ގޮތުގައި ހަމަޖައްސާފައިވަނީ މަސްއޫދު އެވެ.


ކޮންޓިންޖެންޓުގެ ޗެފް ޑެ މިޝަންގެ ގޮތުގައި ވަޑައިގަންނަވާނީ މޯލްޑިވްސް ޕެރެލިމްޕިކް ކޮމިޓީގެ ސެކެރެޓަރީ ޖެނެރަލް، އަހްމަދު މުހައްމަދެވެ.


މިއީ ޕެރާ އެތުލީޓު ފާތިމަތު އިބްރާހިމް ވާދަކުރާ ދެވަނަ ޕެރަލިމްޕިކް ގޭމްސްއެވެ. މީގެކުރިން 2021 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ޓޯކިއޯ 2020 ޕެރަލިމްޕިކް ގޭމްސްގައި ފާތިމަތު އިބްރާހީމާއި، މުހައްމަދު މާޒިން ބައިވެރިވެ ދިވެހި ގައުމު ތަމްސީލް ކޮށްދީފައިވެއެވެ.


މިފަހަރުގެ ޕެރާ ޓީގައި ހިމެނޭ ދެ އެތުލީޓުން ވަނީ މަޑަގަސްކަރައިގައި އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އިން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ. އެހެންކަމުން މިފަހަރުގެ ޕެރަލިމްޕިކް މުބާރާތުގައި ވެސް އެދެވޭ ނަތީޖާއެއް ހޯދާނެކަމަށް އުއްމީދު ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު