އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ދިރާގު ޕިންޓެކް އަށް ލައިސަންސް ދޫކޮށްފި

2 months ago

އަފްރާހް

ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ދިރާގު ޕިންޓެކް އަށް ލައިސަންސް ދޫކޮށްފިއެވެ.


މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވިދާޅުވީ މި ލައިސަންސާއެކު ދިރާގުން މިހާރު ދެމުން ދިޔަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުވެފައިވާ ކަމަށެވެ.


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ދިރާގުގެ މޮބައިލް މަނީ ސަރވިސް (ދިރާގު ޕޭ) ކުރިއަށް ގެންދިއުމަށް ހާއްސަ ކުންފުންޏެއް އުފެއްދުމަށް ލައިސަންސް، ޝަރުތެއް ދިރާގުގެ މައްޗަށް ލާޒިމްކޮށްފައެވެ. އެއީ ނެޝަނަލް ޕޭމަންޓް ސިސްޓަމްގެ ގާނޫނު (8/2021) ވުޖޫދުވުމުންނެވެ.


އެެހންވެ، ފައިބެއަހަރުގެ ޑިސެމްބަރު 31 ގައި ކުންފުނިތަކުގެ ގާނޫނުގެ 10/96 ގެ ދަށުން، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.


މި ބަދަލާއެކު އެ ކުންފުނީގެ މޮބައިލް މަނީގެ ހިދުމަތާއި ރޭވިފައި ހުރި އެހެނިހެން މާލީ ހިދްމަތްތަކުގެ ސަބަބުން، ވިޔަފާރިއަށް ތަނަވަސްކަން ލިބޭނެ ކަމަށް ދިރާގުން ވަނީ ވިދާޅުވެފައެވެ. އަދި ކަސްޓަމަރުންނަށް އިތުރު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު