ސްޓެލްކޯ އަކީ އަބަދުވެސް ގައުމީ ކާރިސާތަކުގައި ގުޅިގެން މަސައްކަތްކުރާ ބައެއް: އެމްޑީ

2 months ago

އަފްރާހް

ސްޓެލްކޯ އަކީ އަބަދު ވެސް ގައުމީ ކާރިސާތަކުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާ ބައެއް ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީީ ވިދާޅުވެއްޖެއެވެ.


އެމްޑީ މިފަދައިން ވިދާޅުވީ އެ ކުންފުންޏާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.


މި ފަހުމުނާމައިގާ ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން އެވެ.


އެމްޑީ ވިދާޅުވީ މިފަދަ ކާރިސާތަކެއްގައި ޢަމަލުކުރާނެ ގޮތެއް މިހާތަނަށް އެސްޓެބްލިޝްވެފައި އެކުންފުނީގައި ނެތް ކަމަށާއި ގައުމީ ކާރިސާތަކުގައި ޢަމަލުކުރާނެ ގޮތްތަކެއް ވެސް ކަނޑައެޅިފައި ނެތް ކަމަށެވެ.


"އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި އަޅުގަނޑުމެންގެ ތެރޭގަ ހިނގާ ކަންތައްތަކުގަ ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފަ." އެމްޑީ ވިދާޅުވިއެވެ.


މީގެއިތުރުން ފަހުމީ ވިދާޅުވީ މިފަދަ ފަހުމުނާމާއެއްގައި ސޮއި ކުރެއްވީ ގައުމީ ފެންވަރެއްގައި ގުޅިގެން މިފަދަ މަސައްކަތެއް ކުރުން މުހިއްމުކަން ފެންނާތީ ކަމަށެވެ.


ހިސާން ޙަސަން ވިދާޅުވީ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގައި ވަރަށް ފުޅާކޮށް ކުންފުނިތަކުގެ ދައުރު ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކުންފުނިތަކުން ކާރިސާގެ ވަގުތު އެ އޮތޯރިޓީއާ އެކީގައި ކުރަން ކަނޑައަޅާފައިވާ ވަރަށް ބައިވަރު ދާއިރާތަކެއް ވެސް އެބަހުރި ކަމަށެވެ.


މީގެ އިތުރުން މަސައްކަތްތަކެއް ވެސް ފާހަގަކުރެވިފައި ހުރިކަން ފާހަގަކުރައްވައި ވަނީ މީގެ ކުރީގެ އަހަރުތަކުގައި މިފަދަ މަސައްކަތްތައް ކުންފުނިތަކާއި އެކީގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.


އެހެންނަމަވެސް މި އެމްއޯޔޫގެ ދަށުން ސްޓެލްކޯއާ އެކީގައި ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގައި ކުރުމަށް ރާވާފައިވާ ކަަމަސް ވިދާޅުވިއެވެ. މިގޮތުން ސްޓެލްކޯ އަކީ ކްރިޓިކަލް ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށް ވާހިނދު މި ހިދުމަތަކީ ކާރިސާގެ ވަގުތުގައި ވެސް މުޖުތަމައަށް، ރައްޔިތުންނަށް މެދުނުކެނޑި ފޯރުކޮށްދޭންޖެހޭ ޚިދުމަތެއްކަން ޙިސާން ވަނީ ފާހަގަކުރައްވާފައެވެ.


މި ފަހުމުނާމާގެ ދަށުން ސްޓެލްކޯގެ މަސައްކަތްތައް ހިންގުމަށް މިހާރު ރާވާފައިވާ ނިޒާމުތަކުގައި ހުރި ނިޒާމީ ހިރާސްތައް ދެނެގަތުމަށް އެންޑީއެމްއޭ އިން އެހީވާއިރު، ސްޓެލްކޯގައި މިހާރު އެކުލަވާލާފައިވާ ކްރައިސިސް މެނޭޖްމަންޓްގެ އޮނިގަނޑުތައް ދިރާސާކުރެވޭނެއެވެ. އެގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުންފުނީގެ ކްރައިސިސް މެނޭޖްމަންޓާއި، ކުއްލިހާލަތު އިޖާބައިގެ ގާބިލްކަމުގެ އޮނިގަނޑާއި (ކްރައިސިސްގެ ވަގުތުގައި) ހިދުމަތް ކުރިއަށްގެންދިއުމުގެ އެނަލިސިސްއެއް ހަދައި ރަނގަޅު ކުރެވެން ހުރި ކަންކަން ވެސް ދެނެގަނެވޭނެއެވެ.


މީގެއިތުރުން ސްޓެލްކޯއަށް އައު ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް ގާއިމްކުރުމަށް ނިންމާފައިވާއިރު، އަރައްކާތަކާއި ގުޅިގެން ޢަމަލުކުރާނެ ގޮތާއި ކުންފުނީގެ އެތެރޭގައި ބޭނުންކުރާނެ ކްރައިސިސް މެނޭޖްމަންޓް ފްރޭމްވަރކެއް އެކުލަވައިލުމަށް ވެސް ނިންމާފައި ވެއެވެ. އަދި ކުންފުނީގައި ކޮމްޕެނީ އެމަރޖެންސީ ރެސްޕޮންސް ޓީމެއް ގާއިމްކޮށް، މި މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ޓީމެއް ތަމްރީނުކުރުމުގައި އެންޑީއެމްއޭ އިން އެހީވާނެއެވެ.


ހަމަމިއާއެކު ކުއްލިހާލަތުގައި ޢަމަލުކުރާނެ ގޮތުގެ ޢަމަލީ އެކްސަސައިޒްތައް ވެސް ކުރިއަށްގެންދާއިރު، ކުއްލިހާލަތުގައި ރައްކާތެރިކަމާއެކު ސްޓެލްކޯގެ އިމާރާތްތަކުން މީހުން ހުސްކުރުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭންތައް ވިލަރެސްކޮށް، އެފަދަ ޕްލޭންތައް ވެސް އަދާހަމަކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު