ހާއްސަ ކެޓަގަރީއަކާއެކު ދިރާގު ރޯޑު ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

2 months ago

އަފްރާހް

ރާއްޖޭގެ އެންމެގިނަދުވަސްވީ މުވާސަލާތީ ކުންފުނި، ދިރާގުން ބާއްވަމުން އަންނަ 'ދިރާގު ރޯޑު ރޭސް' އަންނަމަހު ބާއްވަން ނިންމައި، ބައުވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ.


އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއަހަރުގެ ދުވުމުގައި އޮފީސްތަކާއި ރިސޯޓުތަކަށް ހާއްސަ ޓީމު އިވެންޓު ކެޓަގަރީއެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި މިކެޓަގަރީގެ ދަށުން ވާދަކުރެވޭނީ ޓީމު ކެޓަގަރީގައި ކަމަށެް ވިދާޅުވިއެވެ.


އެގޮތުން ކޮންމެ ރިސޯޓަކުން ނުވަތަ އޮފީހަކުން ވެސް ހަތަރު މީހުންގެ ޓީމެއް ބައިވެރިކުރެވޭނެ ކަމަށާއި އެއް އޮފީހަކުން ނުވަތަ ރިސޯޓަކުން ކިތަންމެ ގިނަ ޓީމުތައް ވެސް ބައިވެރިކުރެވޭނެ ކަމަށް ވިދާޅުވިއެވެ.


މިއަހަރު އަލަށް ތައާރަފްކުރި އޮފީސް ރިސޯޓުތަކުގެ ކެޓަގަރީން ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ވަގުތަށް ބެލުމަށްފަހު އެންމެއަވަހަށް ނިންމާ ޓީމަކަށެވެ.


އޭނާ ވިދާޅުވީ މިއީ ރާއްޖޭގައި ވާދަވެރި، ދުވުމާއި ގިނަމީހުންގެ ބައިވެރިވުން ހިމެނޭގޮތަށް ދުވުމުގެ ސަގާފަތެއް ބިނާވެ، ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމަށް ބާއްވާ ދުވުމެއް ކަމަށެވެ. އަދި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުން ކަމަށެވެ.


މި ދުވުމުގައި މިއަހަރު ބާއްވަނީ 15 ވަނަ އެޑިޝަންއެވެ. މި ދުވުމުގައި މިހާތަނަށް ކުރިއަށްދިޔައީ 5 ކިލޯމީޓަރ، 10 ކިލޯމީޓަރ އަދި ހާފް މެރެތަން ކެޓަގަރީއެވެ.


2007 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ދުވުމުގައި ދުނިޔޭގެ އެކި ގައުމޔތަކުގެ ތަފާތު އެކި ފަންތީގެ ދުވުންތެރިން އަންނަނީ ވާދަކުރަމުންނެވެ.


ޖުމްލަ 4000 ބައިވެރިންނަށް މިފަހަރު ފުރުސަތު ހުޅުވާލާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. މިފަހަރު ދުވުމުގެ ޝިއާރަކީ "ކުޑަކުދިން ހިމާޔަތްކުރުމާއި ރައްކާތެރިކުރުން" މިއެވެ.


ދިރާގުން ވިދާޅުވީ މިފަހަރު ރޯޑް ރޭހުގައި 12 އެންޖީއޯއެއްގެ ބައިވެރިވުން ހިމެނޭ ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު