ބީއެމްއެލް އިސްލާމިކް އިން އައިޔޫއެމްގެ ސަނާބިލް ޕްރޮޖެކްޓަށް އިންވެސްޓްކޮށްފި

2 months ago

އަފްރާހް

މަތީ ތައުލީމަށް ހާއްސަކޮށްގެން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ހަތްބުރީގެ އިމާރާތްކުރުމަށް ހިންގާ ސަނާބިލް ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކް އިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފިއެވެ.


މިއަހަރުގެ ޖޫން މަހު އައިޔޫއެމް އިން ހުޅުވާލި ސަނާބިލް ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބްކުރުމާއެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.


މިކަމާއިގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ، ޙަސަން ކަލާމް ވިދާޅުވީ މި އިންވެސްޓްމަންޓަކީ އިސްލާމިކް ބޭންކިންގ ާއި ފައިނޭންސިންގ ގެ ދާއިރާ ކުރިއަރުވައި، ހަމައެއާއެކު އިސްލާމީ ތައުލީމު ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކް އިން ސާބިތުކަމާއެކު ތިބިކަމުގެ ވަރަށް ވަރުގަދަ ހެއްކެއް ކަމަށެވެ.


މީގެއިތުރުން މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިލްމީ އިޤްތިޞާދެއް ގާއިމްކުރުމަށް އެހީވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ބީއެމްއެލް އިސްލާމިކް އިން އަންނަނީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުއައްސަސާތަކަށް އީޖާދީ އަދި ކަސްޓަމަރުން ބޭނުންވާ ފަދަ ޝަރުއީ ހަމަތަކަށް މާލީ ހައްލު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ މަތީ ހަރުފަތުގައި ހިދުމަތްދެމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު