އަރަފާތު ބަންދުގައި ހުރީ ވިސާ މައްސަލައިގަ - ބުޅާ މަހުން ކާއެއްޗެހި ހެދި މައްސަލައިގައެއް ނޫން: މިނިސްޓަރު

2 months ago

އަފްރާހް

ބުޅާމަހުން ކާތަކެތި ތައްޔާރުކޮށް ކާންދިންކަމަށް ބުނާ ބަންގްލަދޭޝްގެ އަރަފާތު ހޮސައިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައީ ވިސާގެ މައްސަލައެއްގައި ކަމަށް ހޯމް މިނިސްޓަރި ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވި ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


މިނިސްޓަރު ވިދާޅުވީ ބިދޭސީ މީހާ އަށް ޖިނާއީ ތުހުމަތެެއް ނެތް ކަމަށެވެ. އަދި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިސާ މައްސަލައެއްގައި ކަމަށެވެ.


ބުޅާ މަހުން ކާތަކެތި ހެދިކަމުގެ ތުހުމަތު ކުރެވޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަރަފާތު ދިރިއުޅޭ ގޭގައި ބުޅާ ގެންގުޅޭ ކަމަށް ޝައްކުކުރެވޭ ކަމަށް ބުނެ، މައްސަލަތަކެއް ހޯމް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ. އެހެންނަމަވެސް ބުޅާ މަސް ބޭނުންކޮށްގެން ކާއެއްޗެހި ތައްޔާރުކުރާ މައްސަލައެއް މިހާތަނަށް ހުށަހެޅިފައިނުވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.


އުމުރުން 32 އަހަރުގެ އަރަފާތު ހައްޔަރުކުރީ އޮގަސްޓު 20 ވަނަ ދުވަހުގެ ހެނދުނު 10:32 ހާއިރު މާލެއިންނެވެ. އެއީ އޭނާ އިމިގްރޭޝަނަށް ހާޟިރުވުމަށް އަންގާ އިޢުލާނު ކޮށްފައި ވަނިކޮށް، އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން އޭނާ ހައްޔަރުކުރީ ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ.


ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ވެލްފެއަރ ފޮ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) އަދި ފެލައިން ވެލްފެއަރ އޯގަނައިޒޭޝަނުން ތުހުމަތުކުރާ ގޮތުގައި އޭނާ އަކީ މަގުމަތީގައި އުޅޭ ބުޅާތައް ހިފައިގެން ގޮސް، އެ އެއްޗެހި ކައްކައިގެން ކައި އުޅޭ މީހެކެވެ. އަދި ބުޅާމަސް ވިއްކައި އަދި އެމަހުން ކާތަކެތި ތައްޔާރުކޮށް ވިއްކާ މީހެއް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު