ހުޅުދުއްފާރު މަގު ހެދުމުގެ މަޝްރޫއުގެ ތާރުއެޅުން ނިމުމަކާއި ގާތަށް

4 months ago

އަފްރާހް

ރ. ހުޅުދުއްފާރު މަގު ހެދުމުގެ މަޝްރޫއު ތާރު އެޅުމާއި ގާތަށް ހިނގައްޖެއެވެ.


މި މަސައްކަތް ކުރާ ކުންފުނި، އާރްޑީސީން ވިދާޅުވީ އެރަށުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ މަގުތަކުގައި ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.


އެގޮތުން މައިގަނޑު ގޮތެއްގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ނިމި، ތާރުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯރސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މައުލޫމާތު ދެއްވިއެވެ. އެ މަސައްކަތުގެ 73 އިންސައްތަ ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.


މި މަޝްރޫޢުގެ ދަށުން ހަ މަގެއްގައި ޖުމްލަ 3.1 ކިލޯމީޓަރު ދިގު މިނުގައި ތާރު އަޅަން ނިންމާފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ މޭ މަހު، އާރްޑީސީ އާ ހަވާލުކުރި މަޝްރޫއެކެވެ. އަދި މިއީ 88,912,040.55 ދިވެހި ރުފިޔާގެ މަޝްރޫއެކެވެ.


ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ، ކޭބަލް ޖަންކްޝަން ނެޓްވޯރކް އާއި ސްޓޯރމް ވޯޓަރ ނެޓް ވޯކް ގާއިމު ކުރެވިގެންނެވެ.


މީގެ އިތުރުން ޕަމްޕް ސްޓޭޝަންތައް ބެހެއްޓާއި މަގުބައްތި ހަރުކުރެވިގެން ކުރިއަށް ގެންދާ މި މަޝްރޫޢު ޖުމްލަ މަސައްކަތުގެ 87 އިންސައްތަ މިހާރުވަނީ ނިމިފައި ކަަމަށް މައުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު