ޕީޖީގެ މަގާމުން ޝަމީމު އިސްތިއުފާ ދެއްވައިފި

2 months ago

އަފްރާހް

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުން އަލްއުސްތާޛު ހުސައިން ޝަމީމު އިސްތިއުފާ ދެއްވައިފިއެވެ.


ޕީޖީ އޮފީހުން ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމު މަޤާމުން އިސްތިއުފާ ދެއްވައިފި ކަމަށެވެ.


ޝަމީމް އިސްތިއުފާ ދެއްވާފައި މިވަނީ ޕީޖީގެ މަގާމުން އޭނާ ވަކިކުރުމާއިމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަމުން ދަނިކޮށްނެވެ.


ޕީޖީގެ މަގާމުން ޝަމީމު ވަކިކުރުމަށް މި އޮގަސްޓް މަހުގެ 13 ގައި ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޖުޑީޝަރީ ކޮމިޓީއަށް އޭނާ ހުށަހެޅުއްވި ސިޓީގައި ވަނީ ޝަމީމް ގާނޫނުއަސާސީ އާ ހިލާފުވެވަޑައިގެންފައި ކަމަށެވެ. އަދި އެ ޕީޖީގެ މަގާމާ އެކަށީގެންނުވާ ކަންކަން ކުރައްވާފައިވާ ކަމަށެވެ.


ޕީޖީ ޝަމީމުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހިމެނޭ، އަދި އަންހެނުންގެ ކަރާމާތް ނަގާލުމަށް ހިންގޭ އެންމެ ބޮޑު އެއް ކުށް ކަމަށްވާ ރޭޕްގެ ދައުވާ ލިބުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލްކުރުން ހިމެނެއެވެ.


މީގެއިތުރުން މަގާމުގައި ދެމިހުރުމަށް ޖިނާއީ އަދުލުގެ ނިޒާމުގައި ގާއިމްކޮށްފައިވާ އުސޫލުތަކާއި ހިލާފަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދައުވާގެ މައްސަލަ ފައިލްކުރުމާއި ސަފާރީއެއްގައި ރޭޕްކުރި މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފްނުކުރަން ނިންމުން ވެސް ހިމެނެއެވެ.


ޝަމީމުގެ މައްޗަށް ކުރާ އިތުރު ތުހުމަތުތަކުގެ ތެރޭގައި މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޟާގެ މައްޗަށް ހުށަހެޅި ހިއުމަން ޓްރެފިކިންގ ދައުވާ އަނބުރާ ގެނައުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުން ވަނީ ހިމަނާފައެވެ.


ހަމަމިއާއެކު ޕަބްލިކް ޕްރޮސެކިއުޓަރު އަދި އެ އިދާރާގެ ތަރުޖަމާނު އަހްމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގައި، ޑްރަގް ބޭނުންކޮށް ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ނުބެލުމާއި ތަކުރާރުކޮށް ހުށަހެޅުމުން ވެސް ވެންޓިލޭޓަރު މައްސަލައިގައި ކޮރަޕްޝަންގެ ދައުވާނުކުރަން ނިންމުމާއި ޕީޖީ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ވެސް ހިމެނެއެވެ.


މި މައްސަލައިގައި ޝަމީމް ޖަވާބުދާރީކުރުވުމަށް ކޮމިޓީއަށް ހާޟިރުކޮށް، ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސް، އޭނާ ވަކިކުރަން ފެންނަ ކަމަށް ކޮމިޓީގެ އިއްތިފާގުން ވަނީ ނިންމާފައެވެ


ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވުމާއިގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ބ) ގެ ދަށުން، އެ މަގާމުގެ މަސްއޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމެވެ.


ކިޔުންތެރިންގެ ހިޔާލު

ފަލާހު

ކާފަޔަށް ކާފަޔަށް ހާވަޒީފައްތަށް ބަހާ ބަހާ ހުސްކޮއްފި ހަލާލެތްހަރާމެތްނުބަލާ ވާސާބަސް....

2 months ago