މަޖީދިއްޔާ ސްކޫލު މޮނިއުމެންޓު ހުޅުވުން މި މަހު 25 ގަ

2 months ago

އަފްރާހް

މަޖީދިއްޔާ ސްކޫލަށް ގަރުނެއް އަހަރުފުރުމުގެ މުނާސަބާގައި ހަދާ މޮނިއުމެންޓު މި ހިނގާ އޮގަސްޓް މަހުގެ 25 ވާ އާދީއްތަ ދުވަހުގ ެރޭ ހުޅުވުމަށް ނިންމައިފިއެވެ.


މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ (މމދ ޖަމިއްޔާ) ގެ ރައީސް އަހްމަދު އަފްޢާލް 'އޮއިވަރު' އަށް ވިދާޅުވީ މި މޮނިއުމެންޓު ހުޅުވުމަށް ބއްވާ ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.


މި ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި އާންމު މެމްބަރުން ވެސް ބައިވެރިވާނެ ކަަމަށް އަފްޢާލް ވިދާޅުވިއެވެ. އަދި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުންނަށް ވެސް ދައުވަތު އަރުވާފައިވާ ކަމަށާއި މި ރަސްމިއްޔާތަށް މަޖީދިއްޔާ ސްކޫލުން ތައުލޫމު ހާސިލުކުރި ވީހާ ވެސް ގިނަ ދަރިވަރުން ހާޟިރުވުމަށް ވެސް އެދިލައްވައެވެ.


މި މޮނިއުމެންޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މި މަސައްކަތަށް އެ ސްކޫލުގެ ހުރިހައި މުސްކުޅި ދަރިވަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އަފްޢާލް ވަނީ ވިދާޅުވެފައެވެ. އަދި މުސްކުޅި ދަރިވަރުންނަށް ހުޅުވައިލާފައިވާ މިފުރުސަތުގައި ވެދެއްވާ ކިތަންމެ ކުޑަ އެހީތެރިކަމަކީ ވެސް 'ގުނާއަގު ނުކުރެވޭނެ' އެހީތެރިކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން އެކަމަށް އެހީވުމަށް mmdj.org އަށް ވަނުމުން ފައިސާ ދައްކަން ޖެހޭގޮތް ފެންނަން ހުންނާނެ ކަމަށާއި އެ ފަންޑަށް ފައިސާ ޖަމާކޮށްފައިވާ އަދަދާއި އިތުރަށް ބޭނުންވާ އަދަދު ވެސް ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.


" މި މޮނިއުމެންޓް ނިމި، އާންމުކޮށް ހުޅުވައިލުމުން، އޭގެކައިރިން ދާއިރު، މަޖީދިއްޔާ އިން ކިޔެވުމުގެ އުފަލާއި ޝަރަފް ލިބިފައިވާކަމުގެ އުފާވެރި އިހްސާސް ވެސް ކުރެވޭނެ. ކާފަދަރިންނާއި އާއިލާ މީހުން ގާތުގައި ވެސް 'އަހަންނަކީ ވެސް' މި ބިނާގެ ހިއްސާދާރެއް ކަމަށް ބުނުވުމުގެ ފަޚުރު ވެސް ލިބޭނެ." އަފްޢާލް ވިދާޅުވިއެވެ.


މީގެއިތުރުން އަފްޢާލް ވަނީ މި ހަރަކާތަށް މިހައިތަނަށް އެހީތެރިވެދެއްވި ހުރިހައި ފަރާތްތަަކަށް ޝުކުރުއަދާކުރައްވާފައެވެ.


މަޖީދިއްޔާ ސްކޫލަށް ގަރުނެއް (100 އަހަރު) ފުރޭ މުނާސަބާއާއި ގުޅުވައި، 1000 ދުވަހުގެ ކައުންޓްޑައުނެއް ކުރިއަށްދާއިރު، މިއުޒިކް ޝޯވއެއް ވެސް ވަނީ ބާއްވާފައެވެ. މިއީ އެ ސްކޫލުން ތައުލީމު ހާސިލުކުރި ދަރިވަރުން އިސްނަގައިގެން ބޭއްވި ޝޯވއެކެވެ. މިފަދަ އިތުރު ޝޯވއެއް މުސްތަގުބަލުގައި ވެސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު