3 months ago
އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާއާއި ތަހުނިޔާ ދަންނަވައިފިއެވެ.
އެމަނިކުފާނު، މަރުހަބާ އާއި ތަހުނިޔާ ވިދާޅުވީ މީސްމީޑިއާ މެދުވެރި ކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި އަހަރަކީ އޭޝިއަން ގޭމްސްގައި ސަރފިންގ ހިމެނުނު ފުރަތަމަ އަހަރެވެ.
ދިވެހި ގައުމީ ސަރފިންގ ފިރިހެން ޓީމާއި އަންހެން ޓީމް މި މިކާމިޔާބީ ހޯދާފައި ވަނީ އެ މުބާރާތަށް އެތުލީޓުން ނެގުމަށްޓަކައި މިހާރު ކުރިއަށްދާ އޭޝިއަން ސަރފިން ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކޮށްގެންނެވެ. މި މުބާރާތް މިއަހަރު ކުރިއަށްދަނީ ކ. ތުލުސްދޫގައެވެ.
މި މުބާރާތުގައި 20 ގައުމަކުން 113 އެތުލީޓުން ބައިވެރިވެފައިވެއެވެ. މިއީ އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.
ތުލުސްދޫގައި ކުރިއަށްދާ މުބާރާތުގައި ވާދަކޮށް އޭޝިއަން ގޭމްސް 2026 ގެ އަންހެން އަދި ފިރިހެން ސަރފިންގ ކެޓަގަރީން ރާއްޖެ ވަނީ ޖާގަ ކަށަވަރުކޮށްފައެވެ. އަދި މި ޖާގަ ކަށަވަރުކޮށްފައިވަނީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެއްވަނަ ދަރަޖައިގައެވެ.
ހަމައެއާއެކު ރާއްޖޭގެ ފިރިހެން ޓީމު ވަނީ އޭޝިއާ ބައްރުގެ 4 ވަނަ ހޯދާފައެވެ.