ފަލަސްތީނުގެ ބޮއިކޮޓް މޫވްމެންޓް އެނގެނީ ކިހާވަރަކަށް؟

2 months ago

އަފްރާހް

ފަލަސްތީނާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ބާއްވަން ނިންމައިފިއެވެ.


އިންޓަރނޭޝަނަލް މުސްލިމާ އެންޑް އެޑިއުކޭޝަންގެ ފަރާތުން ބާއްވާ މި ހަރަކާތާއި ބެހޭ މައުލޫމާތު 'އޮއިވަރު' އަށް ހިއްސާކުރައްވަމުން މިކަމުގައި އިސްކޮށް އުޅުއްވާ ޑރ. ޝަޒްރާ އިބްރާހިމް ވިދާޅުވީ މިއީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަަމަށާއި ފުރަތަމަ ޕްރޮގްރާމު އޮންނާނީ މި އޮގަސްޓް މަހުގެ 30 ވާ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.


އޭނާ ވިދާޅުވީ މި ސެޝަން އޮންނާނީ ހުޅުމާލޭ ރެނާޓަސް އިތާމުއި ހޯލުގެ ފުރަތަމަ ފަންގިފިލާގައި އެރޭ 8 ޖަހާއިރު ކަމަށެވެ. މިއީ ހުޅުމާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ޑޮލަރު އޭޓީއެމް އިމާރާތް ކުރިމަތީގައި ހުންނަ އިމާރާތެކެވެ.


ރެޖިސްޓްރީވުމަށް މިހާރުހުޅުވާލާފައިވާއިރު، އެ ފަރާތުން ހިއްސާކުރައްވާފައިވާ ޕޯސްޓަރުގައިވާ ކިއުއާރްކޯޑު ސްކޭން ކުރައްވައިގެން މި ސެޝަންގައި ހިލޭ ބައިވެރިވެވޭނެއެވެ.


'މަވެސް ބައިވެރިވާނަން' މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމާއި ގުޅޭގޮތުން ޑރ. ޝަޒްރާ ވިދާޅުވީ މި ޕްރޮގްރާމު މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ބޭއްވުމަށް ނިންމާފައިވާ ކަަމަށެވެ. އަދި ސްކޫލުކުދިންނަށް ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.


އެގޮތުން ސްކޫލު ކުދިންނަށް ބޭއްވުމުގެ ހުއްދައަށް އެދި އެޑިއުކޭޝަން މިނިސްޓްރީ އަށް އަދި އަތޮޅުތަކުގައި ބޭއްވުމަށް ކައުންސިލުތަކުގައި އެދިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިހައިތަނަށް ބައެއް ކައުންސިލުތަކުން ފެހި ސިގްނަލް ދީފައިވާ ކަމަށެވެ.


މި ޕްރޮގްރާމުގައި ފަލަސްތީނަކީ ކޮބައިކަމާއި އެގައުމުގެ އަދުގެ ހާލަތު ކިޔައދޭނެކަމަށް ޑރ. ޝަޒްރާ ވިދާޅުވިއެވެ. އަދި އެގައުމަށް އެހީވާންވީ ކީއްވެގެންކަން ވެސް ކިޔައިދޭނެ ކަމަށެވެ.


ހަމަމިއާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް، ޝަހީދުކުރަމުންދާ ޔަހޫދީންނަކީ ކޮބައިކަމާއި އިޒްރޭލު ބޮއިކޮޓް ކުރަންޖެހެނީ ކީއްވެގެންކަން ވެސް ކިޔައިދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވިއްކަން ހުންނަ އިޒްރާއީލުގެ ކާބޯތަކެތީގެ ބަދަލުގައި ބޭނުންކުރާނެ ބާވަތްތައް ވެސް މި ސެޝަންތަކުގައި ކިޔައިދިނުމަށް ނިންމާފައިވާ ކަމަށް ޑރ. ޝަޒްރާ ވިދާޅުވިއެވެ.


އިންޓަރނޭޝަނަލް މުސްލިމާ އެންޑް އެޑިއުކޭޝަން އަކީ އިޒްރާއީލުން ފަލަސްތީނަށް ދެމުންދާ އުދުވާންތަކާއި ދެކޮޅުހަދައި، އަޑު އުފުލަމުން އަންނަ ޖަމިއްޔާއެކެވެ.


ކިޔުންތެރިންގެ ހިޔާލު