3 months ago
އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 ގދ. ތިނަދޫ ސިޓީގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިންގ ހޯދައިފިއެވެ.
އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ވަނީ އިތުރަށް ކުލަގަދަކޮށް ކ. ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫ ސިޓީގައި މަސްރޭސް ބޭއްވުމަށް ނިންމާފައެވެ.
އެ ސިޓީގެ މަސްރޭހަށް ރެޖިސްޓަރ ކުރި 8 ޓީމާއެކު މި މުބާރާތް ފަށާފައިވަނީ 23 އޯގަސްޓް ވީ ހުކުރު ދުވަހުއެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފައެވެ.
ޗެމްޕިއަންކަން ޓީމަށް 1665.81 ޕޮއިންޓާއެކު ބްލެކް އޭންޓް ފިޝިންގ އަށް ލިބުނުއިރު، ދެވަނަ ޓީމަކަށް ޓީމް އެމް.އައި.ބީ ހޮވުނީ 523.25 ޕޮއިންޓާއިއެކުގައެވެ. އަދި ތިންވަނަ ޓީމަކަށް 478.85 ޕޮއިންޓާއިއެކު ހޮވުނީ ހޯނޑެއްދޫ މަސްވެރިންނެވެ.
މީގެއިތުރުން އެންމެ ބަރު މަސް ބޭނި ފިރިހެން ކެޔޮޅަކަށް ބްލެކް އޭންޓް ފިޝިންގ އަބްދު ދީދީ ހޮވުނީ– 7.15 ކިލޯގެ ހަންޖެއް ބާނައިގެންނެވެ. އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޯނޑެއްދޫ މަސްވެރިންގެ ދައުސް ހަސަން ހޮވުނީ 12 މަސް ބާނައިގެންނެވެ.
މި މުބާރާތުގައި އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ޓީމު އެމް.އައި.ބީ ގެ އާތިކާ މުހައްމަދު އާއި އައިޝަތު ނޫފާ އަލީ ހޯދީ ކޮންމެ ބައިވެރިއަކު 4 މަސް ބާނައިގެންނެވެ.
އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ތިނަދޫ ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ އަރިސްކޮށްފައެވެ.