މުދަލު ޒަކާތަށް ޚާއްސަ ދަރުސެއް ބާއްވަނީ

1 month ago

އަފްރާހް

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މުދަލު ޒަކާތަށް ޚާއްސަ ދަރުސެއް ބާއްވަން ނިންމައިފިއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮގަސްޓް ވާ ބުދަ ދުވަހުގެ ރޭ 8:30 ން 10 ޖަހަންދެން ކަމަށެވެ. އަދި ދަރުސް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.


ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ދެއްވާ މި ދަރުހުގެ މައުޟޫއަކީ "ޒަކާތް: މުދާ ޠާހިރުކޮށް ބަރަކާތް އިތުރުކޮށްދޭ" ކަމުގައި ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.


މި ދަރުހުގެ ޒަކާތުގެ ޙުކުމްތަކާއި އިސްލާމީ ހަޟާރާތު ފެށިގެން އައި އިރު ޒަކާތުގެ ނިޒާމް އަދާކުރި ދައުރާއި، ޒަކާތުގެ ނިޒާމުން އިޤްތިޞާދަށް ކުރާ ފައިދާތަކަށް އަލި އަޅުވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒަކާތް ނެރުން ވާޖިބުވާ މުދަލުގެ ބާވަތްތަކާއި ނެރެންޖެހޭގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.


ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ޒަކާތާއިގުޅޭ ގޮތުން މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހިންގަމުންދާ "ޒަކާތު އެވެއަރނަސް ޕްރޮގްރާމް" ގެ ދަށުން މާލެއާއި އަތޮޅުތެރޭގައި ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް ދަރިވަރުން އަދި ޢާންމު ފަރުދުންނަށް މަޢުލޫމާތު ސެޝަންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.


ރާއްޖޭގައި ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ޒަކާތު ހައުސް އިފްތިތާޙު ކުރެވުނުފަހުން ޒަކާތަށް އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ކުށެއްގެއިސްލާޙު ކުށްގޮތް ދަރުހެއް ރަނގަޅުގޮތް ދަރުސެއް

1 month ago