ގ. ރަނައުރާވިލާ ގޭގައި އަލިފާން ރޯވުން: އިއްތިފާގެއްބާ؟ ނޫނީ....

1 month ago

އަފްރާހް

އޮގަސްޓް 25 ވީ އާދީއްތަ ދުވަހުގެ ރޭ ގ. ރަނައުރާވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ މީހަކު ފިހިގެން ފަރުވާ ދެމުންދާއިރު، މި ހާދިސާއާއި ގުޅިގެން އާންމު ބައެއް ފަރާތްތަކުން ތަފާތު ވާހަކަތަކެއް ދަނީ ދައްކަމުންނެވެ.


މި ގެއަކީ ބުޅާ މަހުން ކާބޯތަކެތި ހަދައި، ވިއްކާކަަމަށް ޝައްކުކުރެވުނު އަރަފާތު ހުސަައިން އުޅުނެ ގެއާއި އިންވެގެން (ޖެހިގެން) ހުރި ގެއެކެވެ. އަލިފާން ރޯވެފައިވަނީ ފަހީމް އިލެކްޓްރިކް ޕްރައިވެޓް ލިމިޓެޑުގެ ގަރާޖުގައެވެ. މިއީ އިލެކްޓްރިކް ސާމާނުގެ މަސައްކަތްކުރާ ތަނެކެެވެ.


އެހެންކަމުން މިވާހަކަތައް ފެންމަތިކުރުވާ މީހުން ބުނަމުންދަނީ އަލިފާނުގެ ހާދިސާ އަކީ ބުޅާ ފެކްޓްރީ އާ ވެސް ގުޅުންހުރި ކަމެއް ކަމުގައެވެ. އެގޮތުން އެއީ އެވިޑެންސް ނައްތާލުމަށް ކުރި ކަމެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ.


މީގެއިތުރުން ބުޅާ ފެކްޓްރީގެ މައްސަލަ ރިޕޯޓު ކުރި ފަރާތަށް ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ވެސް ބަޔަކު ދަނީ ސިފަކުރަމުންނެވެ.


އަރަފާތު ހައްޔަރުކުރީ ވިސާގެ މައްސަލައެއްގައި ކަމަށާއި ބުޅާ މަހުން ކާބޯތަކެތި ހަދައި، އޭގެ ވިޔަފާރިކުރިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނެތް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހްސާން ވިދާޅުވިނަމަވެސް، އެ ސަރަހައްދުގައި އުޅޭ މީހުން ބުނެފައިވަނީ އެ ރިޕޯޓު ފުލުހުންގެ އިދާރާ އަށް ވެސް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެތަނަކީ އަރަފާތު ކުއްޔަށް ހިފައިގެން އުޅޭ ތަނަކަށްވެފައި، އެތަނުގައި އޭނާ ކައްކާ ހެދުމަކީ ކުށެއް ނޫންކަމަށް ފުލުހުން ބުނާކަމަށް އެފަރާތްތަކުން ވަނީ މީގެކުރިން ބުނެފައެވެ.


ކޮންމެއަކަސް، ކަމާއިގުޅުން ހުރި އިދާރާތަކުން މި މައްސަލަ ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ. ބުޅާ މަހުން ކާބޯތަކެތި ހަދައިގެން ވިއްކިކަމުގެ ރިޕޯޓު ކަމާއިގުޅޭ އިދާރާތަކަށް ހުށަހަޅާފައިނުވިޔަސް، އާންމު ރައްޔިތުންނާ ގުޅުންހުންނަ މިފަދަ ކަންކަމަކީ ހާއްސަ އިސްކަމެއް ދެއްވައިގެން ބަލަމުން އަންނަ އަދި ބަލާނެ ކަންކަމެވެ.


އެހެންކަމުން މިކަމުގައި ވެސް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ މި ނުތަނަވަސްކަމަށް ތަސައްލީ ހޯދައިދެއްވާނެ ކަމަށް ގަބޫލުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު