ސަރުކާރުގެ މާލީ ސިޔާސަތަށާއި ޑޮލަރުން ޓެކްސް ނެގުމަށް މަޓާޓޯ އިން ތާއީދު

1 month ago

އަފްރާހް

ސަރުކާރުގެ މާލީ ސިޔާސަތަށާއި ޑޮލަރުން ޓެކްސް ނެގުމަށް ތާއީދުކުރާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ހާމަކޮށްފިއެވެ.


މަޓާޓޯ އިން މިފަދައިން ހާމަކުރީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްތަކާއި ގުޅޭ ގޮތުން ދާދި ފަހުން ދެކެވުނު ވާހަކަތަކާއިމެދު މަޓާޓޯއިން ބޭނުންވާގޮތް ސާފުކޮށްދިނުމަށް ނެރުނު ނޫސްބަޔާނެއްގައެވެ.


އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޑޮލަރުން ޓެކްސް ނެގުމާ އެއްވެސް ވަރަކަށް ދެކޮޅު ނޫންކަމަށާއި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ މި އިސްލާހުތައް ތަންފީޛުކުރެވިގެން ދާއިރު އެއީ ފަތުރުވެރިކަމުގެ ދާއިރާގެ ޢަމަލީ ކަންކަމާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ކަމެއްތޯ ބެލުން ކަމުގައެވެ. އަދި ޑޮލަރުން ލިބޭ އާމްދަނީން ޑޮލަރުން ޓެކްސް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އިޤްތިޞާދަށް ކުރިއެރުމެއް އަންނާނެ ބަދަލެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.


މީގެއިތުރުން ހަރުދަނާ މާލީ ސިޔާސަތުތަކުގެ މުހިންމުކަމާއި އާމްދަނީ ހޯދުން އިތުރުކޮށް، ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކަށް އެކަށީގެންވާ ޙައްލުގެނެވޭނެފަދަ އިސްލާޙްތަކެއް ގެނައުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ޒަމާނުއްސުރެ ބޭނުންވެފައިވާ މި އިޞްލާޙްތަކަށް މިވަގުތަކީ ވަރަށް މުހިންމު ވަގުތެއްކަން ވެސް ފާހަގަކުރެއެވެ.


ހަމަމިއާއެކު ސަރުކާރުގެ މާލީ މަޤްޞަދުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވެސް އަރުވާފައި ވެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސްލަޙަތު ޙިމާޔަތްކޮށް، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ގޮތަކަށް ޖީ.އެސް.ޓީ ނެގުމުގެ ސިޔާސަތުތަކަށް ގެނެވޭ ކޮންމެ ބަދަލެއް ތަންފީޛުކުރުމަށް މަޓާޓޯ އިން އަބަދު ވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.


މި މުހިއްމު ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް އެއްބާރުލުން ދެމިއޮންނާނެ ކަމަށް އުންމީދުކުރާ ކަަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު