ކުޑަހުވަދޫގެ ހުރިހައި ގޭބިސީއަކަށް ސްމާޓް މީޓަރު

1 month ago

އަފްރާހް

ދ. ކުޑަހުވަދޫގެ ހުރިހައި ގޭބީސީއެއްގައި ސްމާރޓް މީޓަރ ހަރުކޮށްފިއެވެ.


ފެނަކަ ސްމާޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން އެރަށުގެ ހުރިހައި ގޭބީސީއެއްގައި ސްމާޓް މީޓަރ ހަރުކޮށް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިން ވަނީ ސްމާޓް މީޓަރ އެޕްލިކޭޝަން ވެސް އިފްތިތާޙްކޮށްފައެވެ. މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތާރިޤް އިބްރާހިމްއެވެ.


މިއީ އެ ކުންފުނީގެ ސްމާޓް މީޓަރުތަކުގެ ޚިދުމަތް ލިބޭ ފަރާތްތަކަށް، އަމިއްލަ ފޯނުން ގޭގައި ކަރަންޓު ހިނގާ މިންވަރު ދުވަހުން ދުވަހަށް ބަލައި، މޮނިޓަރ ކުރެވޭނެ އެޕްލިކޭޝަނެކެވެ.


މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ އ މީޓަރުތަކުން މިހާރުފެންނާނީ ހަމައެކަނި ދުވާލަކު ބޭނުންކުރެވޭ މިންވަރު ކަމަށެވެ. އެހެންނަމަވެސް ކުރިއަށްއޮތް ތަނުގައި ކޮންމެ ގަޑިއިރަކު ކަރަންޓް ބޭނުންކުރެވޭ މިންވަރު ކަސްޓަމަރުންނަށް ފެންނާނެ އިންތިޒާމް ހަމަޖެއްސުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް ވިދާޅުވިއެވެ.


ދ. އަތޮޅުގެ ހުރިހައި ރަށަކާއި ގިނަ އަތޮޅުތަކެއްގައި މި ޕްރޮޖެކްޓްގެ ދަށުން ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުންނެވެ. އޭގެތެރޭގައި، ހ.ދ، ބ، މ، ފ، ތ، ފުވައްމުލަކު ސިޓީގައި ވެސް ހިމެނެއެވެ.


ޗައިނާގެ ޑޮންފަންގ ކުންފުނީގެ އުފެއްދުމެއްކަމަށްވާ މި ސްމާޓް މީޓަރަކީ، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ބޭނުންކުރާ މީޓަރެކެވެ.


ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤަވައިދުތަކަށް ފެތޭ މި ސްމާޓް މީޓަރ ޓެސްޓު ކުރެވޭނެ ވަޞީލަތްތައް ފެނަކައިގައި ވަނީ ޤާއިމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު