ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ އިސްތިރާޖީ ދުރު ވިސްނުންފުޅަށް މަޓާޓޯގެ ތާއީދު

1 month ago

އަފްރާހް

ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ އިސްތިރާޖީ ދުރު ވިސްނުންފުޅަށް ތާއީދު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ވިދާޅުވެއްޖެއެވެ.


މަޓާޓޯ އިން މިފަދައިން ވިދާޅުވީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްތަކާއި ގުޅޭ ގޮތުން ދާދި ފަހުން ދެކެވުނު ވާހަކަތަކާއިމެދު މަޓާޓޯއިން ބޭނުންވާގޮތް ސާފުކޮށްދިނުމަށް ނެރުނު ނޫސްބަޔާނުގައެވެ.


އެ ބަޔާނުގައި ރާއްޖޭގެ އިޤްތިޞާދުގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދުކުޑަކޮށް، ޚަރަދުތައް ސަލާމަތްކުރުމަށްޓަކައި ފިޔަވަޅުތައް ތަޢާރަފްކުރުމުގެ މަޤްޞަދުގައި، ފުޅާ ދާއިރާއެއްގައި މާލީ ސިޔާސަތުތައް އިސްލާޙުކުރުމުގެ އެޖެންޑާއެއް ތަންފީޛުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަނީ ފުރިހަމައަށް ތާއީދުކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތާއި، މުޅި ޤައުމުގެ ކުރިއެރުވުމަށްޓަކައި، ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވާފައެވެ.


މީގެއިތުރުން ޑޮލަރުން ލިބޭ އާމްދަނީން ޑޮލަރުން ޓެކްސް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އިޤްތިޞާދަށް ކުރިއެރުމެއް އަންނާނެ ބަދަލެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.


ހަމަމިއާއެކު ހަރުދަނާ މާލީ ސިޔާސަތުތަކުގެ މުހިންމުކަމާއި އާމްދަނީ ހޯދުން އިތުރުކޮށް، ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކަށް އެކަށީގެންވާ ޙައްލުގެނެވޭނެފަދަ އިސްލާޙްތަކެއް ގެނައުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ޒަމާނުއްސުރެ ބޭނުންވެފައިވާ މި އިޞްލާޙްތަކަށް މިވަގުތަކީ ވަރަށް މުހިންމު ވަގުތެއްކަން ވެސް ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު