1545، ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމަށް އެޅުނު މުހިންމު ފާލަމެއް

1 month ago

އަފްރާހް

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން 1545 ތައާރަފުކޮށްފިއެވެ.


މި ހޮޓްލައިން ތައާރަފުކޮށްފައިވަނީ މިއަދު މެންދުރުފަހު 3:45 ގައި މީސްމީޑިއާގެ މަންސަ ތަކުގައި ލައިވް ޕްރިމިއަރއެއްގެ ގޮތުގައެވެ.


މިއީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ކުންފުނިން ފެށި މަސައްކަތެކެވެ. އަދި ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭނެއެވެ.


މީގެއިތުރުން ކުންފުންޏާއި ގުޅުންހުރި އެނޫން ވެސް ކަންކަމުގައި ހޮޓްލައިން ބޭނުން ކުރެވޭއިރު، އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.


މިކަމާއިގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ޚިދުމަތުގެ ދިގު ތާރީހުގައި ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވިއޮތީ ކޯލް ސެންޓަރު ކަމަށެވެ.


އެހެންނަމަވެސް ކޯލް ސެންޓަރުގެ މަސައްކަތް ނިންމާ، ބޭނުން ކުރަން ފަށާފައިވާކަން ފާހަގަކުރައްވައި، ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ސްޓެލްކޯ އަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު