ޕެރިހުގައި ޕެރަލިމްޕިކްސް ފަށައިފި

1 month ago

އަފްރާހް

ޕެރިހުގައި ޕެރަލިމްޕިކްސް ފަށައިފިއެވެ.


މި މުބާރާތް ހުޅުވުމުގެ ގޮތުން ވަނީ ކުލަގަދަ ވަރުގަދަ ހަރަކާތްތަކަކާއެކު ހާއްސަ އިވެންޓު ބާއްވާފައިވަނީ އައިކަނިކް ޗޭމްޕްސް-އެލީސީސް އިން ފެށިގެން ޕްލޭސް ޑެ ލަ ކޮންސޯޑޭއާ ދެމެދުގައެވެ. މި ހަރަކާތްތައް ކުރިއަށް ދިޔައިރު، މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ ހާއްސަ ޕެރޭޑެއް ވަނީ ބާއްވާފައެވެ.


މިފަހަރުގެ ޕެރަލިމްޕިކްސްގައި ރާއްޖެއިން ވެސް ވާދަކުރާއިރު، މި ޓީމު ވެސް މި ހަރާކާތުގައި ވަނީ ބައިވެރިވެފައެވެ.


ރާއްޖޭގެ ޓީމުގައި ހިމެނޭ ޕެރަ އެތުލީޓުންނަކީ ފާތިމަތު އިބްރާހީމް (ފާތުން) އާއި އޭނާގެ ގައިޑް ރަނަރ ފާތިމަތު ޝަމްހާ އާއި އަބްދުލް ރައްޒާގް އަދި އޭނާގެ ގައިޑް ރަނަރ ހުސެއިން ޝިފާޒެވެ. މިޓީމުން 100 މީޓަރ އާއި 200 މީޓަރ ދުވުމުގައި ބައިވެރިވާނެއެވެ.


ރާއްޖެއިން ޕެރަލިމްޕިކްގައި ބައިވެރިވުމަށް މިފަހަރު ފުރުސަތު ލިބިފައިވަނީ ހަމައެކަނި އެތުލެޓިކްސް އިވެންޓުގައެވެ. ޓީމުގެ ކޯޗުގެ ގޮތުގައި ހަމަޖައްސާފައިވަނީ މަސްއޫދު އެވެ.


ކޮންޓިންޖެންޓުގެ ޗެފް ޑެ މިޝަންގެ ގޮތުގައި ވަޑައިގަންނަވާނީ މޯލްޑިވްސް ޕެރެލިމްޕިކް ކޮމިޓީގެ ސެކެރެޓަރީ ޖެނެރަލް، އަހްމަދު މުހައްމަދެވެ.


މިއީ ޕެރާ އެތުލީޓު ފާތިމަތު އިބްރާހިމް ވާދަކުރާ ދެވަނަ ޕެރަލިމްޕިކް ގޭމްސްއެވެ. މީގެކުރިން 2021 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ޓޯކިއޯ 2020 ޕެރަލިމްޕިކް ގޭމްސްގައި ފާތިމަތު އިބްރާހީމާއި، މުހައްމަދު މާޒިން ބައިވެރިވެ ދިވެހި ގައުމު ތަމްސީލް ކޮށްދީފައިވެއެވެ.


މިފަހަރުގެ ޕެރާ ޓީގައި ހިމެނޭ ދެ އެތުލީޓުން ވަނީ މަޑަގަސްކަރައިގައި އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އިން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ. އެހެންކަމުން މިފަހަރުގެ ޕެރަލިމްޕިކް މުބާރާތުގައި ވެސް އެދެވޭ ނަތީޖާއެއް ހޯދާނެކަމަށް އުއްމީދު ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު