ރަައްޒާގު ޕާސަނަލް ބެސްޓް މުގުރާލައި، ޕެރިސް ޕެރަލިމްޕިކްސް ހީޓުގެ ތިން ވަނައަށް

1 month ago

އަފްރާހް

ފްރާންސްގެ ޕެރިހުގައި މިހާރުކުރިއަށްދާ ޕެރަލިމްޕިކްސް ގައި ރާއްޖޭގެ އަބްދުލް ރައްޒާގް އަބްސުއްސަމަދު ދުވުނު 100 މީޓަރުގެ ފުރަތަމަ ހީޓުގައި ޕާސަނަލް ބެސްޓް މުގުރާލައި، ހީޓުގެ ތިން ވަނަ ހޯދައިފިއެވެ.


ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑެ މިޝަންގެ ގޮތުގައި ވަޑައިގެން ފްރާންސްގައި ހުންނެވި މޯލްޑިވްސް ޕެރެލިމްޕިކް ކޮމިޓީގެ ސެކެރެޓަރީ ޖެނެރަލް، އަހްމަދު މުހައްމަދު (އައްމަޑޭ) 'އޮއިވަރު' އަށް ވިދާޅުވީ ހީޓުގެ އެއްވަނަ ނުލިބުނުނަމަވެސް މިއީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެކަމަށްޓަކައި އުފާކުރާ ކަމަށެވެ.


އޭނާ ވިދާޅުވީ މި މުބާރާތުގައި ވާދަކުރާ ފާތިމަތު އިބްރާހީމް (ފާތުން) ދުވާނީ ސެޕްޓެމްބަރ 2 ވާ ހޯމަ ދުވަހު ކަމަށެވެ.


މި މުބާރާތުގައި ރާއްޖޭގެ ޓީމުގައި ހިމެނެނީ ޕެރަ އެތުލީޓު ފާތިމަތު އިބްރާހީމް (ފާތުން) އާއި އޭނާގެ ގައިޑް ރަނަރ ފާތިމަތު ޝަމްހާ އަދި އަބްދުލް ރައްޒާގް އާއި އޭނާގެ ގައިޑް ރަނަރ ހުސެއިން ޝިފާޒެވެ. މިޓީމުން 100 މީޓަރ އާއި 200 މީޓަރ ދުވުމުގައި ބައިވެރިވާނެއެވެ.


ރާއްޖެއިން ޕެރަލިމްޕިކްގައި ބައިވެރިވުމަށް މިފަހަރު ފުރުސަތު ލިބިފައިވަނީ ހަމައެކަނި އެތުލެޓިކްސް އިވެންޓުގައެވެ. ޓީމުގެ ކޯޗުގެ ގޮތުގައި ހަމަޖައްސާފައިވަނީ މަސްއޫދު އެވެ.


މިއީ ޕެރާ އެތުލީޓު ފާތިމަތު އިބްރާހިމް ވާދަކުރާ ދެވަނަ ޕެރަލިމްޕިކް ގޭމްސްއެވެ. މީގެކުރިން 2021 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ޓޯކިއޯ 2020 ޕެރަލިމްޕިކް ގޭމްސްގައި ފާތިމަތު އިބްރާހީމާއި، މުހައްމަދު މާޒިން ބައިވެރިވެ ދިވެހި ގައުމު ތަމްސީލް ކޮށްދީފައިވެއެވެ.


މިފަހަރުގެ ޕެރާ ޓީގައި ހިމެނޭ ދެ އެތުލީޓުން ވަނީ މަޑަގަސްކަރައިގައި އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އިން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ. އެހެންކަމުން މިފަހަރުގެ ޕެރަލިމްޕިކް މުބާރާތުގައި ވެސް އެދެވޭ ނަތީޖާއެއް ހޯދާނެކަމަށް އުއްމީދު ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު