އަލީ އިސްމާއިލްގެ ކާމިޔާބީއަކީ ކެތްތެރިކަމާ، ހިތްހަމަޖެހުމާއެކު މެހްމާނުންނާ މުއާމަލާތް ކުރުން

3 months ago

އަފްރާހް

މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) ކަމަދޫ އޭ ބުނެފިނަމަ، މިހާރު އެންމެންނަށް ވެސް ތަސައްވަރު ކުރެވޭނީ ކުޅަދާނަ ނެށުންތެރިޔާ ޒާރާއެވެ. މިއަހަރުގެ އަޟްހާ އީދުގައި ޒާރާގެ ފަރި ހަރަކާތްތަކުން މުޅި ރާއްޖެ ވަނީ ސިއްސުވާލާފައެވެ.


އެހެންނަމަވެސް އަޅުގަނޑު ދައްކަން މިއުޅެނީ ޒާރާގެ ވާހަކައެއް ނޫނެވެ. އަދި ޒާރާގެ ކައިވެނީގެ ވާހަކައެެއް ވެސް ނޫނެވެ. އަދިކިއެއްތަ، ކަމަދޫގެ ސަގާފީ ކުޅިވަރުތަކުގައި ނަގައި، ފޯރީގެ ވާހަކައެއް ވެސް ނޫނެވެ.


ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކަމަދޫގެ ދަރިއެއްގެ ފަތުރުވެރިކަމުގެ ދާއިރާ އިން ހޯދާފައިވާ އަދި ހޯދަމުން އަންނަ ކުރިއެރުމުގެ ވާހަކައެވެ.


އަލީ އިސްމާއިލް ނުވަތަ ރިސޯޓުގެ ރައްޓެހިންގެ ނަމުން ނަމަ، ކަމަދޫ އައްޔަ ފަތުރުވެރިކަމުގެ ދާއިރާ އަށް ވަނީ ބ. އަތޮޅުގައި އޮންނަ ސޮނެވާފުށި ރިސޯޓުންނެވެ.


އެއީ ލަފާކުރެވޭގޮތުގައި 1999 ގެ ފަހުކޮޅު ނުވަތަ 2000 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އޭރު ވެސް އޭނާގެ ކުަދާނަކަން ނުވަތަ ހިދުމަތް ހޯދާ ފަރާތްތަކަށް، ހިދުމަތް ދިނުމުގައި ގެންގުޅުނު އުކުޅުތަކުން އަލީ އަކީ އެ ދާއިރާއިން މުސްތަގުބަލެއް އޮތް ޒުވާނެއްކަން ފާހަގަކުރެވުނެވެ.


ހިނިތުންވުމާއެކު، ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދީ، އެކުގައި މަސައްކަތްކުރި އެކުވެރިންނަށް ވެސް އެހީތެރިވަމުން ގެންދިޔައީ އެއް އާއިލާއެއްގެ ގޮތުގައި ދެކިގެންނެވެ. ނަތީޖާއަކަށް ވީ ރިސޯޓުގެ މެނޭޖުމެންޓާއި އެކުވެރިން އަދި ޒިޔާކުރާ ފަތުރުވެރިންގެ ވެސް މަގްބޫލު ވެއިޓަރަކަށް އަލީ ވެގެންދިއުމެވެ.


އޭނާގެ ހީވާގިކަމާއި މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރަކީ އޭނާގެ ކާމިޔާބީގެ ސިއްރެވެ. ހެއްކަކީ ‎ރާއްޖޭގެ ޓްރެވަލް މެގަޒިންތަކުގައި އެންމެ ފާހަގަކުރެވޭ އެއް ފަރާތަކަށް އޭނާވުމެވެ. ދިވެހި އަދި އިނގިރޭސި ނޫސްމަޖައްލާތަކާއި މެގަޒިންތަކުގައި އަލީގެ ލިޔުންތައް އަންނަނީ ޝާއިއު ކުރަމުންނެވެ.


ވާނީވެސް އެހެންނޫންތޯއެވެ. ރާއްޖޭގެ މަޝްހޫރު ރިސޯޓުތަކުގެ ރެސްޓޯރަންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކި ގައުމުތަކުގެ ފަތުރުވެރިންގެ ކެއުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ރެސްޓޯރަންޓުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމަކީ އުނދަގޫ ކަމެކެވެ. އަދި މުވައްޒަފުން މެނޭޖްކުރުމާއި، ކަސްޓަމަރުން ހިތްހަމަޖެހޭކަން ޔަގީންކުރުމާއި، ފެންވަރު ހިފެހެއްޓުމާއި، އިންވެންޓްރީ ބެލެހެއްޓުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ވެސް ނޫނެވެ.


މީގެއިތުރުން މާލީ ކަންކަން ބެލެހެއްޓުމާއި، މުވައްޒަފުންގެ ޝެޑިއުލްތައް ހެދުމާއި، ކަސްޓަމަރުންގެ ޝަކުވާތައް ހައްލުކުރުމާއި، ސިއްހަތާއި ރައްކާތެރިކަމުގެ ގަވާއިދުތައް ތަންފީޒުކުރުން ފަދަ ކަންކަން އަލީ ކުރަމުން ގެންދަނީ ފަސޭހަކަމާއެކުގައެވެ. އަދި ރެސްޓޯރަންޓް މާކެޓްކުރުމާއި، މެނޫ އެކުލަވާލައި، މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންދަނީ އެއްވެސް ފަސްޖެހުމެއް ނެތިއެވެ.


ޚުދު އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި ‎އަލީގެ ކާމިޔާބީގެ ސިއްރަކީ ކޮންމެ ފަތުރުވެރިއެއްގެ ވެސް މައްސަލަތައް ހައްލުކުރުމުގައި އޭނާގެ މަޑުމައިތިރިކަމެވެ. ފަތުރުވެރިންނާ މުއާމަލާތްކުރާ ގޮތެވެ. ދުވަހަކު ވެސް ރުޅިވެރިކަމުގެ މޫނެއް ނުދައްކައި، ދޭސީއެއް ބިދޭސީއެއް ނުބަލައި މަސައްކަތް ކުރުމެވެ.


މިކަމުގެ ސަބަބުން އަލީ ވަނީ ގެސްޓް ޗޮއިސް އެވޯޑާއި މެނޭޖަރ އޮފް ދަ އިޔަރގެ މަގާމު ވެސް ހާސިލުކޮށްފައެވެ.


އަލީގެ މި ކާމިޔާބީއާއި ގުޅިގެން އޭނާ ބުނީ މިފަދަ ކާމިޔާބީއެއް ލިބުމުގެ 'ފޮނި މީރުކަން' އަމިއްލަ އަށް ނަގަން ބޭނުން ނުވާ ކަމަށެވެ. އެހެނީ ކާމިޔާބީ ހޯދުމަކީ އެކަނި މީހަކަށް ކުރެވޭނެ ކަމެއްގެ ގޮތުގައި ނުދެކޭތީއެވެ. އެހެންވެ، އެ ހުރިހައި ކާމިޔާބީއެއްގައި އާއިލާ އާއި އޭނާގެ މުވައްޒަފުންގެ ދައުރު ވެސް ވަރަށް ބޮޑުކަން ފާހަގަކޮށް، އެންމެހައި ފަރާތްތަކަށް ހިފެހެއްޓުމެއް ނެތް ޝުކުރެއް ވަނީ އަދާކޮށްފައެވެ.


ކޮންމެގޮތެއް ވިޔަސް އަލީ އިސްމާޢީލްގެ ނަން ބުނުމުން ހޮސްޕިޓަލިޓީ ދާއިރާގެ ގިނަ ބަޔަކަށް، އޭނާ އަކީ ކާކުކަން އެނގޭނެއެވެ.


އާއިލާ އެކު އޮންނަ ގުޅުން:


އެހާބުރަކޮށް މަސައްކަތް ކުރަމުން ވެސް އާއިލާ އަށް ވަގުތު ދިނުމަކީ އަލީ އަބަދު ވެސް އިސްކަންދޭ ކަމެކެވެ. ވީއެންމެ ގިނައިން އާއިލާއާއެކު ވަގުތު ހޭދަކޮށް އަނބި، ދަރީންގެ ކަންކަން ބަލަހައްޓަނީ ފަރިވާތެރިކަމާއެކުގައެވެ. އެހެންވެ، އަލީ އަކީ ނަމޫނާ، ފިރިއެއް އަދި ބައްޕައެއް ވެސް މެއެވެ.


އަލީ ސިޔާސީ ދާއިރާއަށް:


އަލީއަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހެއް ނޫނެވެ. އޭނާ ވަނީ ސިޔާސީ ދާއިރާގައި ވެސް މަސައްކަތްކޮށް، ކަމަދޫ ކައުންސިލްގެ ރައީސްގެ މަގާމު ވެސް އަދާކޮށްފައެވެ.


އެހެންވެ، ކައުންސިލު ރައީސްގެ ހައިސިއްޔަތުން ކަމަދޫގައި އަދާކުރެއްވި ދައުރާއި ގުޅޭގޮތުން 'އޮއިވަރު' ގެ ފަރާތުން އެރަށުގެ މީހަކާއި ވާހަކަ ދައްކާލީމެވެ.


އޭނާ ބުނީ ރަށުގައި މިހާރު ފެންނަން އޮތް ތަރައްގީގައި އަލީގެ ދައުރު ވަރަށްބޮޑު ކަމަށެވެ. ހާއްސަކޮށް ކައުންސިލްގެ ގަވާއިދުތައް ތަންފީޒުކުރުމުގައި ހިތްވަރާއި ލީޑަރޝިޕް ދައްކައި، އެއީ ނަމޫނާ ފަހުލަވާނެއްގެ ގޮތުގައި ފާހަގަކުރިއެވެ.


އަލީގެ ވެރިކަމުގެ ދަށުން، ރަށުގެ މަގުތައް ރީތިކޮށް، ގަސްތައް ކޮށައި، މަގުމަތީގައި ތަކެތި ބެހެއްޓުމުގެ މައްސަލަ ހައްލުކުރެވިފައިވާކަމާއި، ރަށުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ބިންތައް ދޫކުރުމުގެ މަސައްކަތް އަލީގެ އިސްނެގުމުގެ ދަށުން ކުރިއަށް ގެންދެވިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި އެ މަސައްކަތުގެ ނަތީޖާ މިހާރުފެންނަމުންދާކަމަށް އޭނާ ބުންޏެވެ.


އަލީ އެނބުރި ފަތުރުވެރިކަމަށް:


ކޮންމެއަކަސް ކައުންސިލުގެ ފަސް އަހަރުގެ ދައުރު ނިންމައި، އަލީ އަނެއްކާ ވެސް މިހާރުވަނީ ފަތުރުވެރިކަމުގެ ދާއިރާ އަށް ގޮސްފައެވެ. ފަތުުރުވެރިންނަށް ހިނިތުންވުމާއެކު ހިދުމަތް ދިނުމަށެވެ. ދިވެހީންނަކީ ހިނިތުންވުމާއި އުފަލާއެކު ހިދުމަތްދޭ ބައެއްކަން މުޅި ދުނިޔެއަށް ހާމަކޮށްދިނުމުގައި އަނެއްކާ ވެސް އަތުކުރި އޮޅާލީއެވެ.


'އޮއިވަރު' އިން އެދެނީ އަލީ އަށް މިހާރަށް ވުރެވެސް ފުރިހަމަ ކާމިޔާބީއަކަށެވެ.


ކިޔުންތެރިންގެ ހިޔާލު