އެމްއެންޔޫ އިން ދިރާސާކުރުމާއި ފޮތް ލިޔުމަށް ބޭނުންވާ މާލީ އެހީ ދީފި

1 month ago

އަފްރާހް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އެކި ދާއިރާތަކުގައި ދިރާސާކުރާ ފަރާތްތަކާއި ފޮތް ލިޔުއްވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދެއްވައިފިއެވެ.


ދިރާސާކުރާ ފަރާތްތަކާއި ފޮތް ލިޔާ ފަރާތްތަކަށް ޚާއްސަކޮށް އެމްއެންޔޫގައި ބޭއްވި ދެ ރަސްމިއްޔާތުގައި، މަލީ އެހީ ޙަވާލުކޮއްދެއްވީ އެ ޔުނިވާސިޓިގެ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.


"އެމްއެންޔޫ ރިސާޗް ގްރާންޓްސް އެވޯޑިންގ ސެރެމޮނީ 2024"ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި، ކ.ތިލަފުށީގައި މައިކްރޯޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާއި، ދިވެހިރާއްޖޭގައި ކެންސަރު އިތުރު ވެފައިވާ މިންވަރާއި، އެ ބަލި ޖެހުމަށް ދިމާވާ ސަބަބުތަކާއި، ހއ އަދި ޅ އަތޮޅާއި ދޭތެރޭގައިވާ 7 ރަށުގެ މަސްވެރިކަމާއި، ހުސްބިންތަކާއި އާންމުންނަށް ހުޅުވާލެވިފައިވާ ތަންތަން ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީ ހޯދުމަށް އަލުން ފަރުމާކުރުމާއި، ޒުވާނުން ދިވެހި ބަހާމެދު ދެކޭގޮތާއި ދިވެހިބަހުގެ ޤާބިލުކަން މިންކުރާގޮތުގެ އިތުރުން މަތީ ތަޢުލީމު ހާޞިލުކުރާ ފިރިހެން ދަރިވަރުންގެ އަދަދު މަދުވާ ސަބަބުތަށް ފަދަ އެތަށް މަޢުލޫއަކާއި ގުޅޭގޮތުން ދިރާސާކުރުމުގެ މަލީ އެހީ ފޯރުކޮއްދެއްވާފައިވެއެވެ.


"އެމްއެންޔޫ ބުކް ރައިޓިންގ ގްރާންޓް އެވޯޑިންގ ސެރެމޮނީ 2024"ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ފޮތް ލިޔުއްވަން ބޭނުންވާ އެތަށް ފަރާތަކަށް ވަނީ މާލީ އެހީތެރިކަން ލިބިފައެވެ. ފޮތް ލިޔުމަށް މާލީ އެހީ ލިބުނު ފޮތްތަކުގެ ތެރޭގައި، "އެޕްލައިޑް ބަޔޯމެޑިކަލް ސައިންސް: ޓެކްނީކްސް އެންޑް ޕްރޮޓޮކޯލްސް"، "އެކްސްޕްލޮއިޓޭޝަން އޮފް އާޓިފިޝަލް އިންޓެލިޖެންސް: ޓްރާންސްފޮރމޭޓިވް އެޕްލިކޭޝަންސް އެކްރޮސް ޑިސިޕްލިންސް"، "ވިލުން" އަދި "އަ ބްރީފް އިންޓްރޮޑަކްޝަން ޓު މޯލްޑިވިއަން ކްރިމިނަލް ލޯ" ހިމެނެއެވެ.


އެމްއެންޔޫ އިން އަންނަނީ ރާއްޖޭގެ އެކި ދާއިރާތަކުގައި ދިމާވާ ގޮންޖެހުންތަކާއި ރާއްޖޭގެ ކުރިއެރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ދިރާސާކޮށް، ޤައުމުގެ ގޮންޖެހުންތަށް ޙައްލުކުރުމުގެ އިތުރުން ޤައުމު ކުރިއެރުވުމުގެ ޤާބިލްކަންހުރި، އުފެއްދުންތެރި ޖީލެއް ބިނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު