މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން ސިނާއަތު ކުރިއަރާނެ: ބީކޭއެމްޔޫ

1 month ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސް ކަނޑައެޅުއްވުމުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި އެ ޔޫނިއަނުން ފާހަގަކުރެއްވިއެވެ. 


އެބޭފުޅުން ވަނީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުންކަމުގައެވެ. އަދި މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


އެކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ. އަދި ބީ.ކޭ.އެމް.ޔޫ މެންބަރުންގެ ޝުޢޫރުތަކާއި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ރައީސް ފުރުސަތު ދެއްވިއެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި، މަސްވެރިކަމުގެ ސިނާއަތަށް ވަންނަ ނުވަތަ ގުޅޭ ފަރާތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ. އަދި މަސް ކިރުމުގައި ހުރި ދަތިތަކާއި، ދޯނިތަކަށް ހޯދަންޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވެއެވެ. 


މީގެއިތުރުން ވެސް މިހާރު މަސްދޯނި ފަހަރު އޮންނަ ސަރަހައްދު ބެލުމަށް ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި އެ ބޭފުޅުންވަނީ "ފްލޯ ޕްރައިސް" ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިކަމަށް ހާއްސަ ބޮއި ހޯދައިދެއްވުމަށާއި، އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް އާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަދި މިނިސްޓްރީގެ ކަމާ ގުޅޭ އިސް ބޭފުޅުންނާއި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ގެނެވެންހުރި ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު