ޕެރަލިމްޕިކްސް ގައި ފާތުން ޕާރސަނަލް ބެސްޓް ހަދައި، ހީޓުގެ ތިންވަނަ އަށް

1 month ago

އަފްރާހް

ޕެރިހުގައި މިހާރުކުރިއަށްދާ ޕެރަލިމްޕިކްސް ގައި ރާއްޖޭގެ ޕެރާ ދުވުންތެރިޔާ ފާތިމަތު އިބްރާހީމް (ފާތުން) ޕާރސަނަލް ބެސްޓް ހަދައި، ހީޓުގެ ތިންވަނަ ހޯދައިފިއެވެ.


އަންހެނުންގެ 100 މީޓަރު ދުވުމުގައި މިއަދު މެންދުރު، ފާތުން ދުވެފައިވާއިރު، އޭނާ ރޭސް ނިންމީ 17:10 އިންނެވެެ. އަދި މިއީ ނެޝަނަލް ރެކޯޑެއް ވެސް މެއެވެ.


މި މުބާރާތުގައި ވާދަކުރާ އަބްދުލް ރައްޒާގް އަބްސުއްސަމަދު ދުވުނު 100 މީޓަރުގެ ފުރަތަމަ ހީޓުގައި އޭނާ ވެސް ވަނީ ޕާސަނަލް ބެސްޓް ހަދައި، ހީޓުގެ ތިން ވަނަ ހޯދާފައެވެ.


ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑެ މިޝަންގެ ގޮތުގައި ވަޑައިގެން ފްރާންސްގައި ހުންނެވި މޯލްޑިވްސް ޕެރެލިމްޕިކް ކޮމިޓީގެ ސެކެރެޓަރީ ޖެނެރަލް، އަހްމަދު މުހައްމަދު (އައްމަޑޭ) 'އޮއިވަރު' އަށް ވިދާޅުވީ މިއީ ވަރަށްބޮޑު ކާމިޔާބީއެއް ކަމަށެވެ.


މި މުބާރާތުގައި ރާއްޖޭގެ ޓީމުގައި ހިމެނެނީ ޕެރަ އެތުލީޓު ފާތިމަތު އިބްރާހީމް (ފާތުން) އާއި އޭނާގެ ގައިޑް ރަނަރ ފާތިމަތު ޝަމްހާ އަދި އަބްދުލް ރައްޒާގް އާއި އޭނާގެ ގައިޑް ރަނަރ ހުސެއިން ޝިފާޒެވެ. މިޓީމުން ދުވަނީ 100 މީޓަރާއި 200 މީޓަރުގެ ދުވުމުގައެވެ.


ރާއްޖެއިން ޕެރަލިމްޕިކްގައި ބައިވެރިވުމަށް މިފަހަރު ފުރުސަތު ލިބިފައިވަނީ ހަމައެކަނި އެތުލެޓިކްސް އިވެންޓުގައެވެ. ޓީމުގެ ކޯޗުގެ ގޮތުގައި ހަމަޖައްސާފައިވަނީ މަސްއޫދު އެވެ.


މިއީ ޕެރާ އެތުލީޓު ފާތިމަތު އިބްރާހިމް ވާދަކުރާ ދެވަނަ ޕެރަލިމްޕިކް ގޭމްސްއެވެ. މީގެކުރިން 2021 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ޓޯކިއޯ 2020 ޕެރަލިމްޕިކް ގޭމްސްގައި ފާތިމަތު އިބްރާހީމާއި، މުހައްމަދު މާޒިން ބައިވެރިވެ ދިވެހި ގައުމު ތަމްސީލް ކޮށްދީފައިވެއެވެ.


މިފަހަރުގެ ޕެރާ ޓީގައި ހިމެނޭ ދެ އެތުލީޓުން ވަނީ މަޑަގަސްކަރައިގައި އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އިން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ. 


ކިޔުންތެރިންގެ ހިޔާލު