ދިވެހި ފިލްމުތަކަށް އޮތް ކަމަަނައަށް - މިއީ މެގަހިޓެއް

1 month ago

އަފްރާހް

މިފަހަކަށް އައިސް ދިވެހި ފިލްމުތަކަށް އޮންނަ ތަރުހީބު ކުޑަވަމުން އަންނަވާހަކައަކީ ފިލްމު އުފައްދާ މީހުންނާއި ފިލްމުތަކުގައި ހަރަކާތްތެރިވާ މީހުންގެ އެންމެބޮޑު އެއް ކަންބޮޑުވުމެވެ.


ހާއްސަކޮށް ސިނަމާގައި އަޅުވާ ފިލްމުތަކަށް މީހުން ވަންނަ ނިސްބަތް މަދުވުމަކީ މި އިންޑަސްޓްރީގެ ކުރިމަގާއިމެދު ސުވާލު އުފެދުނު ކަމެކެވެ. އެހެންނަމަވެސް އެއީ މުޅީން ކުށްހީއެއްކަން 'ކަމަނަ' ދައްކައިދީފިއެވެ.


މިދިޔަ އޮގަސްޓް މަހު ރިލީޒް ކުރި މި ފިލްމު “ކަމަނާ”ގެ ހުރިހައި ޝޯވއެއްގެ ޓިކެޓް އެއްކޮށް މިހާރުވަނީ ވިކި ހުސްވެފައެވެ. އެހެންކަމުން އަދިވެސް މި ފިލްމު ބެލުންތެރިންނަށް ދެއްކޭނެ އިތުރުއެހެން ގޮތްތަކެއް ހަމަޖެއްސޭތޯ ބަލަމުން އަންނަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


'ކަމަނަ' ދެއްކުމަށް އޮލިމްޕަސް ސިނަމާ ލިބިފައިވަނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް އަދިވެސް ޓިކެޓު ހޯދުމަށް ގިނަ ފަރާތްތަކުން ގުޅަމުން އަންނަކަަށް ސެޓަރން ސްޓޫޑިއޯ އިން މައުލޫމާތު ދެއެވެ.


ކަމަނަ އަށް މި ލިބުނު ބޮޑު ތަރުހީބުން މިއީ 'މެގަހިޓް' އެއް ކަމުގައި ބުނަމުން އަންނައިރު، މި ތަރުހީބަކީ މިއިން ޒަމާނެއްގައި ވެސް ދިވެހި ފިލްމަކަށް ނުލިބޭވަރުގެ ބޮޑު ތަރުހީބެއްކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.


މީގެއިތުރުން ގެއްލިފައި އޮތް ފިލްމީ އޯޑިއެންސް އަނބުރާ ހޯދައިދިނީތީ 'ކަމަނަ ޓީމަަށް' ގިނަބަޔަކު ދަނީ އައްސަރިބަހާއި ސާބަސް ވެސް ރައްދުކުރަމުންނެވެ.


އެގޮތުން ކުޅަދާނަ ޑައިރެކްޓަރ ފާތުމަތު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް ތާނގާ ކޮލިޓީ ފިލްމުތަކެއް ފެނިގެން މި އޯޑިއެންސް އަދިވެސް ހިފެހެއްޓޭނެ ކަމަށެވެ. އަދި އެންމެން އެކީ މިކަމާ މަސައްކަތް ކުރަންވީ ކަމަށް ވެސް ނަހުލާ ވިދާޅުވެފައި ވެއެވެ.


މިއީ "އަނިޔާކުރުމާ އަހަރެން ދެކޮޅު" ނަމުގައި ކުރިޔަށްގެންދާ ކެމްޕެއިނުގެ ދަށުން ގެނެސްދޭ ފިލްމެކެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމުގެ ޕްރޮޑިސަރުންނަކީ ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އާއި ހުސެން މުނައްވަރެވެ.


މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާ، މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ރިޝްފާ އަބްދުލްސަމަދެވެ. ސްކްރީން ޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ. ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ.


ކިޔުންތެރިންގެ ހިޔާލު