އެމްއެންޔޫ މެރަތަން އަންނައަހަރުގެ ފެބްރުވަރީގަ، މިހާރުބައިވެރިވެވޭނެ

1 month ago

އަފްރާހް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ރާވައި، އިންތިޒާމު ކުރާ ފުރަތަމަ މެރަތަން އަންނަ ފެބުރުވަރީ މަހު ބާއްވަން ނިންމައިފިއެވެ.


ސިލްސިލާކޮށް ކޮންމެއަހަރަކު ވެސް ބޭއްވުމަށް ނިންމާފައިވާ މި އިވެންޓު އެ ޔުނިވަރސިޓީގެ ވިޔަފާރި ކުންފުނި “ޔުނިވިޔަ ހޯލްޑިންގ” އިން އިންތިޒާމުކުރާއިރު، އެ ކުންފުންޏަށް އެހީތެރިވަނީ މެރަތަން ބޭއްވުމުގައި 11 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އެވެ.


މި މެރަތަން އިފްތިތާހު ކުރުމަށް އެ ޔުނިވަރސިޓީގައި ބޭއްވި ހާއްސަ ހަފުލާ އާއި މި މެރަތަން އިފްތިތާޙްކޮށްދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު، ޑރ އައިޝަތު ޝެހެނާޒު އާދަމެވެ.


ޑރ. ޝެހެނާޒު ވިދާޅުވީ ޖިސްމާނީ ހަރަކާތް އަޅުގަނޑުމެންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމަށެވެ. އަދި އޭގެ ސަބަބުން ހަށިގަނޑު ހަރުދަނާވެ، ސިކުނޑިތައް ތޫނުވެ، އުފާވެރިކަން ވަރަށް ބޮޑަށް އިތުރުކޮށްދޭކަމަށެވެ.


މީގެއިތުރުން މެރަތަން ފަދަ ހަރަކާތްތަކުގެ ސަބަބުން އެ ޔުނިވަރސިޓީގެ ތަސައްވުރާ އެއްގޮތަށް ރަނގަޅު ދުޅަހެޔޮ އަދި މުޖްތަމައަށް ހެޔޮ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ، އިޖްތިމާއީ ގޮތުން ޒިންމާދާރު ދަސްވެނިންތަކެއް ބައްޓަން ކުރުމަށް މަގުފަހިވެގެންދާކަމަށް ވެސް ވިދާޅުވިއެވެ.


މިހާރު ތާވަލުކޮށްފައިވާ ގޮތުގައި ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު މެރަތަން ފެށުމަށް ހަމަޖެހިފައިވާ އިރު، މެރަތަންގައި ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއެކެވެ. އެއީ މެރަތަން އާއި ހާފް މެރަތަން އާއި ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރެވެ.


މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ އަވަހަށް ނިންމާ ފިރިހެން އަދި އަންހެން ތިން ދުވުންތެރިންނަށް 3000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާ ދެމެދުގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު