އަމިއްލަ ވިޔަފާރިއެއް ރެޖިސްޓަރކުރަން ބޭނުންތަ؟

1 month ago

އަފްރާހް

ރާއްޖޭގައި އަމިއްލަ ވިޔަފާރިއެއް ފެށުމަށް ވިސްނަނީތޯ؟ ތިރީގައި މި ދަންނަވާލަނީ މި ވުޒާރާއިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއް ރަޖިސްޓަރީކުރާނެ ގޮތުގެ ސާދާ ގައިޑެކެވެ. މި ފިޔަވަޅުތައް ފުރިހަމަކުރެއްވުމުން ތިޔަ ބޭފުޅުންގެ ވިޔަފާރި ފަސޭހަކަމާއެކު ފެށިގެންދާނެއެވެ.


އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން ކުންފުނީގެ ނަން ރިޒަރވްކޮށްފައިވާކަން ޔަގީން ކުރަން ޖެހެއެވެ. އެއީ ތިބާ ހިޔާރުކުރި ނަމަކީ ހާއްސަ އަދި ލިބެންހުރި ނަމެއްކަން ކަށަވަރުކުރުމަށްޓަކައެވެ. ނަމުގެ ރިޒަރވޭޝަން ފުރިހަމަ ކުރުމުން، އީފާސް އެކައުންޓް ބޭނުންކޮށްގެން އެޕްލިކޭޝަން ކުރިއަށް ގެންދެވޭނެއެވެ. އީފާސް އެކައުންޓަށް ލޮގިން ވުމުން ރަޖިސްޓްރޭޝަން ޕްރޮސެސް ފެށޭނެ 'ވަންގަވް ' ހޯމްޕޭޖަށް ޑައިރެކްޓް ކުރެވިގެންދާނެއެވެ.


އެޕްލިކޭޝަންގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ފުރިހަމަކުރެވިފައިވާ މެނޭޖިންގ ޑިރެކްޓަރުގެ އިގުރާރު ފޯމު، ކުންފުނީގެ ސެކްރެޓަރީގެ އިގުރާރު ފޯމު، ޓެކްސްއާ ގުޅުންހުރި ކަންކަމުގައި މަސްއޫލުވާ ފަރާތުގެ ފޯމު ހިމެނެއެވެ.


މި ފޯމުތަކުގެ ލިންކް 'ވަންގަވް' ގައި އާންމު ކުރެވިފައި ވާނެއެވެ. މި ފޯމުތަކުގެ އިތުރުން މެމޮރެންޑަމް އޮފް އެސޯސިއޭޝަން އާއި އާޓިކަލްސް އޮފް އެސޯސިއޭޝަން ވެސް ހުށައަޅަންވާނެއެވެ. މި ދެ ލިޔުން އިންނަންވާނެ ގޮތުގެ ޓެމްޕްލެޓްވެސް 'ވަންގަވް' ޕޭޖުގައި ވާނީ އާންމު ކުރެވިފައެވެ. މިއާއެކު ސެކްރެޓަރީ، ހިއްސާދާރުން، ޑިރެކްޓަރ (ތަކުން) އަދި މެނޭޖިންގ ޑިރެކްޓަރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.


ހަމައެހެންމެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ޓެކްސް ދައްކަންޖެހޭ ފަރާތްތައް ނުވަތަ ހުއްދަ ލިބިފައިވާ ސޮއިކުރާ މީހުން ހިމެނޭނަމަ، އެފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ވެސް ބޭނުންވާނެއެވެ.


ހިއްސާދާރުންގެ ތެރޭގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ ކުންފުނިތައް ހިމެނޭނަމަ، ހިއްސާދާރުންގެ ބޯޑު ގަރާރުގައި ކުންފުނީގެ ހިއްސާ އޮންނާނެކަން ކަނޑައަޅައި، ހިއްސާގެ އިންސައްތަ ބަޔާންކޮށް، އެ ކުންފުނީގެ ރެޕްރެޒެންޓޭޓިވް ޑިރެކްޓަރުގެ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބަނާންކުރަންވާނެއެވެ. ރެޕްރެޒެންޓޭޓިވް ޑިރެކްޓަރަކަށް ބިދޭސީ ފަރާތެއްނަމަ އެފަރާތެއްގެ ނަމާއި ޕާސްޕޯޓް ނަންބަރު ހިމަނަންވާނެއެވެ.


އެކެއް ނުވަތަ އެއަށްވުރެ ގިނަ ހިއްސާދާރުންނަކީ ކުންފުނިތަކަކަށްވެފައި، ހިއްސާދާރުންގެ ކުންފުނިން ރެޕްރެޒެންޓޭޓިވް ޑިރެކްޓަރަކު އައްޔަންކުރާނަމަ އެ މަގާމު ކަށަވަރުކުރުމަށް ބޯޑުގެ ގަރާރެއް ހުށަހަޅަން ވާނެއެވެ.


މީގެއިތުރުން ރެޕްރެޒެންޓޭޓިވް ޑިރެކްޓަރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ރެޕްރެޒެންޓޭޓިވް އަކީ ބިދޭސީ ފަރުދެއްނަމަ އެފަރާތުގެ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.


ހިއްސާދާރުންގެ ތެރެއިން އެއްވެސް ފަރާތަކީ ބިދޭސީ ފަރުދެއް ނުވަތަ ޖަމާއަތެއްނަމަ ފޮރިން އިންވެސްޓްމަންޓް އެޕްރޫވަލް ހޯދަން ޖެހޭނީ ފޮރިން އިންވެސްޓްމަންޓް ގާނޫނާ އެއްގޮތަށެވެ. އަދި ޕާސްޕޯޓް ޑޭޓާ ޕޭޖް (ތަކުގެ) ކޮޕީއެއް ހުށަހަޅައި، ހިއްސާ އޮންނަ ބޭރުގެ ކުންފުނިތަކަށް އެ ކުންފުނިތަކުގެ ސެޓްފިކެޓް އޮފް އިންކޯޕަރޭޝަން އަދި ގާނޫނު އަސާސީގެ ނޯޓަރައިޒްޑް ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ.


އެޕްލިކޭޝަން ހުށަހެޅުމަށްފަހު އީމެއިލް އަދި ފޯނު މެދުވެރިކޮށް ނޮޓިފިކޭޝަނެއް ލިބޭނެއެވެ. ހިސްޓްރީ ޓެބްއިން އެޕްލިކޭޝަންގެ ސްޓޭޓަސް ޗެކް ކުރެވޭނެއެވެ. އެޕްލިކޭޝަން އެޕްރޫވް ވުމުން ސްޓޭޓަސް “އެޕްރޫވްޑް” އަށް ބަދަލު ވާނެއެވެ. އަދި 2000 ރުފިޔާގެ ސަރވިސް ފީ ދައްކަންވާނެއެވެ. އޮންލައިންކޮށް ފައިސާ ދެއްކުމަށް އިރުޝާދު ލިބި، ފައިސާ ދެއްކުން ޕްރޮސެސް ކުރުމުން އެސްއެމްއެސް މެދުވެރިކޮށް ފައިސާ ލިބުނު ކަމުގެ މެސެޖެއް ލިބިގެންދާނެއެވެ. ސްޓޭޓަސް “ނުފުރިހަމަ” ކަމުގައި ދައްކާނަމަ، އިތުރަށް ރަނގަޅު ކުރަންވީ ކަންތަކުގެ އިރުޝާދުތައް އީމެއިލް ނުވަތަ މެސެޖް މެދުވެރިކޮށް ލިބިގެންދާނެއެވެ.


ފައިސާ ދެއްކިކަން ކަށަވަރުވެ ހުރިހާ ކަމެއް ޕްރޮސެސް ކުރެވުމުން، ރަޖިސްޓްރޭޝަންގެ ސެޓްފިކެޓް، ކޯޕަރޭޓް ޕްރޮފައިލް ޝީޓް، އަދި އެހެނިހެން މުހިންމު ކަރުދާސްތައް ހިމެނޭ ގޮތަށް ރަޖިސްޓްރޭޝަން ލިޔެކިޔުންތައް ޑައުންލޯޑް ކުރެވޭނެއެވެ. މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ނުވަތަ ސުވާލެއް އޮތްނަމަ އިކޮނޮމިކް މިނިސްޓްރީން ސާފުވެވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު