ބާރު ސްޕީޑުގައި ދުއްވުން ހުއްޓުވޭނީ ކިތައް ފުރާނަ ގެއްލުމުން؟

1 month ago

އަފްރާހް

ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދުގައި އެންމެބާރުމިނުގައި އުޅަނދު ދުއްވޭނީ ކިހާ ބާރު ސްޕީޑެއްގައިކަން ވަނީ ކަޅާއި ހުދުން ބަޔާންކޮށްފައެވެ.


އެހެންނަމަވެސް ހާއްސަކޮށް އަދުގެ ޒުވާނުންނަށް އެއީ ދުވެލި މަޑު މިންވަރެކެވެ. ނުވަތަ އެއްވެސް ލިމިޓެއް ބޭނުން ނުވާ ކަހަލައެވެ. ނަތީޖާއަކީ ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކުން ޖެހި އެކްސިޑެންޓުވުމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމަށް ގޮސްފައިވަނީ ކިތައް މީހުންތޯއެވެ.


މީގެއިތުރުން އެފަދަ ނުރައްކާތެރި އެކްސިޑެންޓުތަކުގައި ދުނިޔެ ދޫކުރަނީ ކިތައް މީހުންތޯއެވެ. އެމީހުންގެ އާއިލާގެ މެމްބަރުންގެ ހިތަށް ކުރާނޭ އަސަރު، އެނގޭނީ އެފަދަ ހާލަތެއް މެދުވެރިވުމުންނެވެ.


ކަންމިހެން ހުރިއިރު، ސެޕްޓެމްބަރ 5 ވަނަ ދުވަހުގެ ރޭ ވެސް ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި، މިވަނީ ޒުވާނެއް ދުނިޔެ ދޫކޮށްފައެވެ. އުމުރުން އެންމެ 23 އަހަރުގެ ނޫކަށި ޒުވާނެކެވެ. މަރާއި ކުރިމަތިލާން ޖެހުނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއްގައި ޖެހިގެންނެވެ.


މިފަދަ އެކްސިޑެންޓުތަކުގައި އުޅަނދު ދުއްވާ މީހުން ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ނުވަތަ ހައްޔަރު ވެސް ކުރެއެވެ. އެހެނަސް ގިނަފަހަަރަށް ހެއްކާއި ގަރީނާ ނެތި ބާރު ސްޕީޑުގައި ދުއްވި ޑްރައިވަރު ހުދު ކާފޫރަށް ވެދެއެވެ. ދައުވާ އެއް ކުރެވޭނެ ހަނި ފުރުސަތެއް ވެސް ނޯވެއެވެ.


ދައުވާ ސާބިތު ނުވުމުން އަނެއްކާ ވެސް އުޅަނދުތަކަށް އަރައި، ބާރު ސްޕީޑުގައި ހޭބޯ ނާރާ ދުއްވަނީއެވެ. އެމީހުން އަނބުރާ މުޖުތަމައުގައި އެ އުޅެނީ އުފަލާއި އަރާމުގައެވެ.


އެކްސިޑެންޓުގައި ދާއިމީ ނުކުޅެދުންތެރިކަަމަކަށް ދިޔަ ފަރާތުގެ އާއިލާ އާއި ދުނިޔެ ދޫކުރި ފަރާތްތަކުގެ އާއިލާތައް ތިބްނެޖެހެނީ ރޯލަރޯލައެވެ.


ކިޔުންތެރިންގެ ހިޔާލު

Ahmed Aseel

ދައުލަތުގެ އެއްވެސް އިދާރާއަކުން ހަމްދަރުދީ އެއް ނުވޭ ގެއްލޭ ފުރާނައަކަށް. ކުޑަކުޑަ މާލެގައި ބާރަށް ދުއްވާ މީހުން ފުލުހުންނަށް ފެންނަ ކަމަކަށް ނުވޭ. ސަރުކާރު ބަދަލުވިޔަސް މި ކަމެއް ރަނގަޅު ނުވޭ ަމައްސަލައަކީ ބާރަށް ދުއްވުން. ޓްރެފިކް ލައިޓާއި ބުރުތައް ނެތުމެއް ނޫން. އެކަން މިއަދު އެބަ އެނގޭ.

1 month ago