3 months ago
ބަންކަރިންގ އަކީ އުޅަނދު ފަހަރަށް ތެޔޮ ސަޕްލައިކުރުމެވެ. މީގެ ތެރޭގައި އުޅަނދަށް ތެޔޮ އެޅުމާއި އުޅަނދުގައި ހުރި ތެޔޮ ޓޭންކުތަކަށް ބެހުމުގެ މަސައްކަތްތައް ހިމެނެއެވެ.
މި ޚިދުމަތަކީ ކަނޑުގެ އޮޕަރޭޝަންތަކަށް ކޮންމެހެން ބޭނުންތެރި ޚިދުމަތެއް ކަމުގައި ވާއިރު، މިއީ ބަނދަރެއްގައި ބަނދަރު ކުރަން ނުޖެހި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދީގެން އެމީހުންގެ ދަތުރުތައް ކުރިއަށް ގެންދެވޭނެ ޚިދުމަތެކެވެ. މިއީ ދުނިޔޭގެ ޝިޕިންގ ރޫޓުތަކުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް ވަރަށް މުހިންމު ހިދުމަތެކެވެ.
އެސްޓީއޯގެ ޕްލޭނުގައި ބަންކަރިންގ ހިދުމަތް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ބޮޑެތި އުޅަނދުތަކުގައި ތެޔޮ ބަރުކޮށްގެން، މާކަނޑުގެ ސަރަހައްދުން ދަތުރުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ނުވަތަ މި ސަރަހައްދުގެ ކައިރިން ދަތުރުކުރާ ބޭރުގެ ބޯޓުތަކަށް ތެޔޮ ވިއްކުމަށެވެ.
މި ހިދުމަތްތަކުގައި ހިމެނެނީ ތެޔޮ ލޯޑްކުރުމާއި، އޮފްޝޯ އޮޕަރޭޝަންސް އަދި ތެޔޮ ފޯރުކޮށްދިނުމެވެ. ތެޔޮ ލޯޑްކުރާނީ އެސްޓީއޯއާއި ޗައިނާގެ ވިޓޯލްއިން ނިންމާފައިވާ ތަންތަނުންނެވެ. އޮފްޝޯ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުފަހަރު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އިސްތިރާތީޖީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެއެވެ.
މި އުޅަނދުފަހަރު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރާ އެއް ހަމައެއްގައި މަޑުކޮށް، އެ އުޅަނދުތަކުގެ ހަރަކާތްތައް ބަލަހައްޓަމުން ގެންދާނެއެވެ. އަދި ތެޔޮ ފޯރުކޮށްދިނުމުގައި ތެޔޮ އަޅަން ބޭނުންވާ ބޭރުގެ ބޯޓުތައް ބަންކަރިންގ އުޅަނދުތަކާ ކައިރިވެ، އެތަނުން ތެޔޮ ސީދާ އެ އުޅަނދުތަކަށް ބަދަލުކުރެވޭނެއެވެ.
ރައްކާތެރިކަމާއި ހަރުދަނާ ބަންކަރިންގ ޚިދުމަތެއް ކަށަވަރުކުރުމަށްޓަކައި ހުރިހާ އޮޕަރޭޝަންތަކެއްވެސް ބައިނަލްއަޤްވާމީ ސަލާމަތާއި ތިމާވެށީގެ ގަވާއިދުތަކަށް ތަބާވާނެކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ. މި ޚިދުމަތަކީ ދުނިޔޭގެ ޝިޕިންގ ރޫޓުތަކުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް ވަރަށް މުހިންމު ހިދުމަތެއްކަމަށް އެސްޓިއޯއިން ވަނީ ބުނެފައެވެ.
ބަންކަރިންގ ޚިދުމަތް ތަޢާރަފުކުރުމުން ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ އިޤްތިޞާދީ ކުރިއެރުމެވެ. މި ސަރަހައްދުގެ މުހިންމު ތެޔޮ ވިއްކާ މަރުކަޒަކަށް ދިވެހިރާއްޖެ ވެގެން ދިއުމުގެ ސަބަބުން، މި ކަނޑުން ދަތުރުކުރާ ކޮންމެ އުޅަނދަކުން ވެސް ތެޔޮ ގަތުމުގެ ފުރުސަތު ލިބި، އޭގެ ސަބަބުން ރަށްރަށުގެ އިގްތިސާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ގައުމީ އާމްދަނީ އިތުރުވެ، ވަޒީފާގެ އައު ފުރުސަތުތައް އުފެދި، އަދި ޖުމުލަކޮށް ގައުމުގެ އިގްތިސާދީ ދުވެލި އިތުރުވެގެންދާނެކަން ޔަގީނެވެ.
އެންމެ އަސާސީ ފަޅުވެރިންގެ މަސައްކަތުން ފެށިގެން ޗީފް އިންޖިނޭރުންނާ ހަމައަށް ވަޒީފާތައް އިތުރުވުމުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.