ކަމަނަ ބަލައިލަން އިތުރު ފުރުސަތެއް – ތިން ޝޯވ އިތުރުކޮށްފި

1 month ago

އަފްރާހް

މިދިޔަ އޮގަސްޓް މަހު ރިލީޒް ކުރި ދިވެހި ފިލްމު 'ކަމަނާ' ގެ އިތުރު ތިން ޝޯވ ދެއްކުމަށް ނިންމައިފިއެވެ.


ސެޓަރން ސްޓޫޑިއޯ އިން ބުނީ ފިލްމު ދެއްކުމަށް އޮލިމްޕަސް ސިނަމާ ލިބިފައިވަނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ. އަދި އެ ތާރީހާއި ހަމައަށް ހުރިހައި ޝޯވއެއްގެ ޓިކެޓު ހުސްވެފައިވާ ކަމަށެވެ.


އެހެންނަމަވެސް އަދިވެސް ޓިކެޓު ހޯދުމަށް ގިނަ ފަރާތްތަކުން ގުޅަމުން އަންނާތީ، އެ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެގޮތުން ތިން ޝޯވ އިތުރަށް ދެއްކުމަށް ނިންމާފައިވާ ކަމަށެވެ.


އެގޮތުން ސެޕްޓެބަރ 10 އަދި 11 ސެޕްޓެމްބަރުގެ ދަންވަރު 11:30 ގައާއި ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ ހަވީރު 3:30 ގައި ޝޯވ ދެއްކުމަށް ނިންމާފައިވާކަމަށް އެ ސްޓޫޑިއޯ އިން ބުނެއެވެ. އަދި މާދަމާ މެންދުރުފަހު 2 ން ފެށިގެން އޮލިމްޕަސް ކައުންޓަރުން ޓިކެޓު ވިއްކަން ފަށާނެ ކަމަށެވެ.


ކަމަނަ އަށް ލިބިފައިވާ ބޮޑު ތަރުހީބުން ފިލްމީ ދާއި ރާގެ ފަރާތްތަކުން ބުނަމުންދަނީ މިއީ 'މެގަހިޓް' އެއް ކަމުގައެވެ. މިއީ މިއިން ޒަމާނެއްގައި ވެސް ދިވެހި ފިލްމަކަށް ނުލިބޭވަރުގެ ބޮޑު ތަރުހީބެއްކަމަށް ވެސް ދަނީ ބުނަމުންނެވެ.


މީގެއިތުރުން ގެއްލިފައި އޮތް ފިލްމީ އޯޑިއެންސް އަނބުރާ ހޯދައިދިނީތީ 'ކަމަނަ ޓީމަަށް' ގިނަބަޔަކު ދަނީ އައްސަރިބަހާއި ސާބަސް ވެސް ރައްދުކުރަމުންނެވެ.


އެގޮތުން ކުޅަދާނަ ޑައިރެކްޓަރ ފާތުމަތު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް ތާނގާ ކޮލިޓީ ފިލްމުތަކެއް ފެނިގެން މި އޯޑިއެންސް އަދިވެސް ހިފެހެއްޓޭނެ ކަމަށެވެ. އަދި އެންމެން އެކީ މިކަމާ މަސައްކަތް ކުރަންވީ ކަމަށް ވެސް ނަހުލާ ވިދާޅުވެފައި ވެއެވެ.


މިއީ "އަނިޔާކުރުމާ އަހަރެން ދެކޮޅު" ނަމުގައި ކުރިޔަށްގެންދާ ކެމްޕެއިނުގެ ދަށުން ގެނެސްދޭ ފިލްމެކެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމުގެ ޕްރޮޑިސަރުންނަކީ ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އާއި ހުސެން މުނައްވަރެވެ.


މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާ، މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ރިޝްފާ އަބްދުލްސަމަދެވެ. ސްކްރީން ޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ. ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ.


ކިޔުންތެރިންގެ ހިޔާލު