ރާއްޖޭގެ ޕެރަލިމްޕިކް ޓީމާއި ސްޕޯޓްސް މިނިސްޓަރު ބައްދަލުކުރައްވައި، ހިތްވަރު ދެއްވައިފި

1 month ago

އަފްރާހް

ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި އޮލިމްޕިކްސްގެ ޕެރަ ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ދެ ދުވުންތެރިންނާ ސްޕޯޓްސް މިނިސްޓަރ ރާފިއު ބައްދަލުކުރައްވައި، ހިއްތވަރު ދެއްވައިފިއެވެ.


އެ މުބާރާތުގައި ރާއްޖެެއިން ވާދަކުރި ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުލް ރައްޒާގު އަބްދުލް ސަމަދު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.


އެގޮތުން އަބްދުލް ރައްޒާގު ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކޮށް، 14.46 ސިކުންތުން ރޭސް ނިންމައި، ހީޓުގެ ތިންވަނަ ވަނީ ހޯދާފައެވެ. މިއީ އަބްދުލް ރައްޒާގުގެ ޕާސަނަލް ރިކޯޑެކެވެ.


މީގެއިތުރުން ފާތުން ވަނީ އަންހެނުންގެ 100 މީޓަރު ދުވުން 17:10 ސިކުންތުން ނިންމައި، ޕެރަ އިވެންޓުގެ ގައުމީ ރިކޯޑެއް ހަދާފައެވެ.


ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު މި ދެ ދުވުންތެރިންނަށް ލިބުނީ ރާއްޖޭގެ ރޭންކިންގ ގެ އެންމެ ކުރީގައި އޮތް ދެ ދުވުންތެރިންނަށް ވާތީއެވެ. މި ދެ ދުވުންތެރިން ވަނީ މިދިޔަ އަހަރު މަޑަގަސްކަރައިގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައިވެސް ރާއްޖެ ތަމްސީލުކޮށްފައެވެ. އަދި އެ ގޭމްސްގައި އެ ދުވުންތެރިން ވަނީ ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ.


އޮލިމްޕިކްސްގެ ޕެރަ ކަޓެގަރީ ނުވަތަ ޕެރަލިމްޕިކްސްއަކީ ނުކުޅެދޭ މީހުންނަށް ޚާއްސަކޮށް، ދުނިޔޭގެ އޮލިމްޕިކް ކައުންސިލުން ބާއްވާ ގޭމްސްއެކެވެ.


މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ ދެ އެތުލީޓަކުން ވާދަކުރިއިރު، ޖަޕާނުގައި 2021 ގައި ބޭއްވި ޕެރަލިމްޕިކްސްގައި ވެސް ފާތުން ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ. އެއީ ރާއްޖޭގެ އެތުލީޓަކު އެންމެ ފުރަތަމަ ވާދަކުރި ޕެރަލިމްޕިކްސްއެވެ.


ކިޔުންތެރިންގެ ހިޔާލު