3 months ago
ނެޝަނަލް ސޯޝަލް ހެލްތް އިންޝުއަރެންސް އެކްޓްގެ ދަށުން 2011 ވަނަ އަހަރުގެ ޑިސެމްބަރ 29 ވަނަ ދުވަހު އާސަންދަ ކުންފުނި ވުޖޫދުކުރީ ދިވެހިންނަށް ވަރަށް ބޭނުންޖެހިފައިވާ ކަމަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ.
ބޭސްފަރުވާ ގެ ޚިދުމަތަކީ އަސާސީ ކަމަށް ވެފައި އެއްވެސް ދިވެހި ރައްޔިތެއް އެ ޚިދުމަތުން އިސްތިސްނާނުކުރުމަށް ގާނޫނު އަސާސީގައިވެސް ބާރުއަޅާފައިވެއެވެ. ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހި ކޮންމެ މީހަކަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ބޭސްފަރުވާގެ ޚިދުމަތް ލިބިދިނުމަކީ އާސަންދަ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒެވެ.
އާސަންދަ ކުންފުނި އުފައްދައި ދަޢުލަތުގެ ބަޖެޓުން ސިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން އާއްމުންނަށް ޚިދުމަތްދޭތާ މިހާރު 13 އަހަރުވެއްޖެއެވެ. އަދި މިވީ ތޭރަ އަހަރުދުވަސް ތެރޭގައި ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ދަނީ އާސަންދައަށް ހޭދަކުރަމުންނެވެ. އަދި ބަޖެޓުން ދޭ މާލީ އެހީތެރިކަން އަހަރަކަށްފަހު އަހަރެއް ދަނީ އިތުރުވަމުންނެވެ. ދައުލަތުގެ ބަޖެޓް އަދި އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު އާސަންދަ ސްކީމަށް ޖުމުލަ 2.8 ބިލިއަން ރުފިޔާ ބިލުކުރެވިފައިވާއިރު މީގެ ތެރެއިން 998 މިލިއަން ހޭދަކުރެވިފައިވަނީ ބޭހާއި ކޮންސިއުމަބަލްސްގެ ގޮތުގައި ބޭސްފިހާރަތަކަށެވެ.
2023 ވަނަ އަހަރު އާސަންދަ ސްކީމަށް ޖުމުލަ 3.2 ބިލިއަން ރުފިޔާ ބިލުކުރެވިފައިވާއިރު މީގެ ތެރެއިން 1.1 ބިލިއަން، ހޭދަކުރެވިފައިވަނީ ބޭހާއި ކޮންސިއުމަބަލްސްގެ ގޮތުގައި ބޭސްފިހާރަތަކަށެވެ. 2022 ވަނަ އަހަރު ޕްރައިވެޓް މަރުކަޒުތަކުން އާސަންދައަށް 2 ބިލިއަން ބިލްކޮށްފައިވާއިރު 2023 ގައި މި ޢަދަދު ވަނީ 2.3 ބިލިއަނަށް އަރާފައެވެ. އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި އާސަންދައިގެ ނިޒާމަށް ކުރާ ޚަރަދު އެވްރެޖްކޮށް %65 ވަނީ އިތުރުވެފައެވެ.
އަސަންދައިގެ މުޅި ނިޒާމަށް ކުރާ ޚަރަދުގެ 35 އިންސައްތައަކީ ފާމަސީތަކުން ދޫކުރާ ބޭހާއި ކޮންސިއުމަބަލްސް އަށް ކުރާ ޚަރަދެވެ. ރާއްޖޭގައި ވިއްކާ ބޭހުގެ އަގުތައް ދުނިޔޭގެ ބާޒާރުގައި ހުރި އެވްރެޖް އަގުތަކާއި އަޅާބަލާއިރު 15 ގުނަ ބޮޑެވެ. އަދި މިސަރަހައްދުގެ ގައުމުތަކާއި އަޅާބަލާއިރު އެދަދު 70 ގުނަ ބޮޑެވެ. ދާދިފަހުން ސަރުކާރުން ވަނީ ބޭހުގެ އަގަށް އެދެވޭ ބަދަލެއް އަންނާނެފަދަ ނިންމުމެއް ނިންމާފައެވެ.
އެގޮތުން ޔޫއެންޑީޕީގެ އެހީއާއި އެކު ބަލްކް ޕްރޮކިއުމެންޓް އުސޫލުން ބޭސް ގެނައުމުގެ އިންތިޒާމު ހަމަޖެއްސުމުން ބޭހުގެ އަގު މިހާރު ހުރިވަރަށް ވުރެ ބޮޑުތަން ކުޑަވެގެންދާނެއެވެ. އެހެންކަމުން މިއީ ކުރިމަގުގައި އާސަންދައިން ބޭހަށް ކުރާ ހޭދައިން ލިބޭނެ ލުޔެކެވެ.