ގައުމީ ޕަރާ އެތްލީޓު ފާތުން އަށް ގައިޑް ރަނަރ އެއް ހޯދަނީ

1 month ago

އަފްރާހް

ރާއްޖޭގެ ގައުމީ ޕަރާ އެތްލީޓު ފާތިމަތު އިބްރާހިމް (ފާތުން) އަށް ގައިޑް ރަނަރ އެއް ހޯދަން އިއުލާންކޮށްފިއެވެ.


އޭނާގެ އަމިއްލަ ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓެއްގައި ވަނީ ކުރިއަށް ހުރި މުބާރާތްތަކުގައި ދުވުމަށް އޭނާ އަށް އަންހެން ގައިޑް ރަނަރ އެއް ބޭނުންވާ ކަމަށެވެ. އަދި ގައިޑް ރަނަރ އަށް ވެސް ނެޝަނަލް އެތްލީޓުންނަށް ލިބޭ އެލަވަންސާއި އިނާޔަތްތައް ލިބޭނެކަމަށް ވަނީ ބުނެފައެވެ.


މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަދި އެއްވެސް ސުވާލެއް އޮތް ނަމަ، ފާތުންގެ އެފްބީ އަށް މެސެޖު ކުރުމަށް ވެސް ވަނީ އެދިފައެވެ.


މިކަމާއިގުޅިގެން 'އޮއިވަރު' އިން ފާތުންނަށް ގުޅުމުން ވިދާޅުވީ ގައިޑް ރަނަރ ވަރަށް ކޮމިޓްވާންވާނެ ކަމަށާއި ބަރާބަރަށް ތަމްރީނުތަކުގައި ބައިވެރިވާންވާނެ ކަމަށެވެ. އަދި ކޮމިއުނިކޭޝަންއަކީ ވަރަށް މުހިންމު އެއްޗެއްކަން ފާހަގަކުރެއްވިއެވެ.


އެގޮތުން މުބާރާތަކަށް މިދަނީ ލޮލަށް ނުފެންނަކުދިންގެ ލޮލަށް ވެގެންކަން އަބަދު ވެސް ހަނދާން ކުރަންވާނެކަން ފާތުން ފާހަގަކުރެއްވިއެވެ.


ފާތުން އިތުރަށް ވިދާޅުވީ ގައިޑް ރަނަރ އެއް ނަގާއިރު، އޭނާ އާ އެއްއިސްކޮޅެއްގެ މީހަކު ވަރަށް މުހިންމު ކަމަށާއި އެހެންނަމަވެސް މުބާރާތާއި ހަމައަށްދާއިރު، އެގޮތަށް ނުލިބިއްޖެނަމަ، ހުރިމީހަކާ އެކީ ދުއްވައިގަންނާނެ ކަމަށެވެ.


ފްރާންސްގެ ވެރިރަށް ޕެރިހުގައި މިއަހަރު ބޭއްވި އޮލިމްޕިކްސްގެ ޕެރަ ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ދެ އެތްލީޓުންގެ ތެރޭގައި ވެސް ހިމެނޭ ފާތުން ވަނީ އެ މުބާރާތުގައި އަންހެނުންގެ 100 މީޓަރު ދުވުން 17:10 ސިކުންތުން ނިންމައި، ޕެރަ އިވެންޓުގެ ގައުމީ ރިކޯޑެއް ހަދާފައެވެ. އަދި ޖަޕާނުގައި 2021 ގައި ބޭއްވި ޕެރަލިމްޕިކްސްގައި ވެސް ފާތުން ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ. އެއީ ރާއްޖޭގެ އެތުލީޓަކު އެންމެ ފުރަތަމަ ވާދަކުރި ޕެރަލިމްޕިކްސްއެވެ.


މީގެއިތުރުން އައިއޯއައިޖީ ގައި ވެސް ބްރޯންޒް މެޑަލް ހާސިލުކޮށް، ރާއްޖެއަށް ރީތިނަން ހޯދައިދީފައިވާ ފާތުންގެ މިހާރުގެ އުއްމީދަކީ ދެން އޮންނަ އައިއޯއައިޖީ ގައި އެ މެޑެލްގެ ކުލަ ސިލްވަރ ނޫނީ ރަނަށް ބަދަލުކުރުމެވެ.


ފާތުން އިތުރަށް ވިދާޅުވީ ޕެރިހުގައި ބޭއްވި އޮލިމްޕިކްސްގެ ޕެރަ ގޭމްސް އަށް ފަހު، މިހާރު ހުރީ އަރާމު ކުރުމުގައި ކަމަށާއި އެހެެންނަމަވެސް މި މަހުގެ 21 ވާ ހޮނިހިރު ދުވަހު އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު