ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެ: މިނިސްޓްރީ

1 month ago

އަފްރާހް

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ހަނދާންކޮށްދެއްވައިފިއެވެ.


އެ ވުޒާރާއިން މިކަން ހަންދާންކޮށްދެއްވައި، ބަޔާނެއް ނެރުއްވީ ނުސީދާކޮށް ކުޑަކުދިންގެ ޒާތީ މައުލޫމާތު ދެނެގަނެވޭނެ ފޮޓޯ ނުވަތަ ވީޑިއޯ އެކި ފަރާތްތަކުން އާންމުކުރަމުން ދާ ދިއުމާއި ގުޅޭގޮތުންނެވެ.


އެ ބަޔާނުގައި ވަނީ ކުޑަކުދިންގެ ހައްގުތައް ރާއްކާތެރިކުރުމުގެ ގާނޫނުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެކަން ހަނދާންކޮށްދެއްވާފައެވެ.


މީގެއިތުރުން ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫން ވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު، ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް މީޑީއާ ނުވަތަ އެނޫން ވެސް ވަސީލަތެއްގައި ޝާއިޢު ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެކުދިންގެ ތަސްވީރެއް، ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ޝާއިޢުކޮށްގެން ނުވާނެކަމަށެވެ.


މީސްމީޑިއާގައި ދައުރުކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކަކުގެ ސަބަބުން، ނުސީދާގޮތުން ނަމަވެސް އެކުދިންނަކީ ކޮންބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އެ ކުދިންނަށް ނަފްސާނީ ގޮތުން އިތުރު ގެއްލުންތައް ލިބި ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާކަމީ އެވުޒާރާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.


އެހެންކަމުން ކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯތައް މީޑިއާގައި ދައުރު ނުކުރުމަށް ހުރިހާ މީޑިއާތަކަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭކަން އެނގިވަޑައިގަންނަވާނަމަ ލަސްނުކުރައްވާ އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅުއްވާ ރިޕޯޓު ކުރެއްވުމަށް ވެސް އެދިލައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު