3 months ago
ނޭޝަނަލް ކެރިއަރ ސަރވިސް އިން އަތޮޅުތަކަށާއި މާލެއަށް އަމާޒުކޮށްގެން ޕްރޮގްރާމުތަކެއް ފެށުމަށް ނިންމައިފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ، ޑރ. އަބްދު ނަޒީރު ވިދާޅުވީ ނޭޝަނަލް ކެރިއަރ ސަރވިސް އިން ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ބާރު ސްޕީޑް ގައި މަސައްކަތްތަކެއް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އަދި މި މަހުގެ ފަހުކޮޅުގައި މި މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ ޖޮބްސެންޓަރގެ ނަން، ނޭޝަނަލް ކެރިއަރ ސަރވިސްގެ ނަމަށް ބަދަލު ކުރައްވާ އެތަނުގެ މެއިންޑޭޓް ވަނީ ފުޅާކޮށްފައި ކަަމަށާއި އެހެންކަމުން ކެރިއަރ ގައިޑެންސް އަކީ މިހާރު އެތަނުން ކުރާނެ އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ.
"އަޅުގަނޑުމެންވެސް މިހާރު މިމަހުގެ ފަހުކޮޅާއި އަންނަމަހުގެ ކުރީކޮޅުންފެށިގެން އަތޮޅުތަކަށާއި އަދި މާލޭގަ ކެރިއަރ ގައިޑެންސް ވަރަށް ބާރު ސްޕީޑް ގައި ފެށުމަށް މިހާރުވަނީ ޕްލޭންތަކެއް ހެދިފަ" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން އަހަރަކު ދެފަހަރު ކެރިއަރ އެކްސްޕޯއެއް ބޭއްވުމަށް ވެސް ތައްޔާރުވަމުން އަންނަކަމަށާއި އޭގެ ތެރެއިން ކައުންސެލިންނާއި މަތީތައުލީމްގައި ހުރި ފުރުސަތުތަށް ދަރިވަރުންނަށް ފޯރުކޮށްދެވޭނެކަމަށް ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގައި ހުރި ދުނިޔޭގެ ފެންވަރުގެ އިންސްޓިޓިއުޓްތަކުން މަތީތައުލީމްގެ ދާއިރާތަކުން ލިބެންހުރި ފުރުސަތުތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެކަން ނަޒީރު ފާހަގަކުރެއްވިއެވެ.
ނޭޝަނަލް ކެރިއަރ ސަރވިސް ގެ އެންމެ މުހިންމު މަސައްކައްތަކީ ރާއްޖެއަށް ބޭނުންވާ މުހިންމުދާއިރާތަކުން، މަސައްކަތުގެ މާހައުލަށް މީހުން ބިނާކުރުމެވެ. އެގޮތުން އެ އިދާރާއިން މިހާރުވަނީ މުޅިރާއްޖެއަށް ހުޅުވާލައިގެން ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ.
ނޭޝަނަލް ކެރިއަރ ސަރވިސް ކުރިން ހުރީ ޖޮބްސެންޓަރގެ ގޮތުގައެވެ. އޭރު އެ އިދާރާއިން ކުރަމުން އައި މަސައްކަތަކީ ވަޒީފާ ދޭ ފަރާތުން ހުރި ފުރުސަތުތައް ވަޒީފާ ހޯދާ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދީ ގުޅުވާދިނުމުގެ މަސައްކަތެވެ.
އެހެންނަމަވެސް މަސައްކަތުގެ މާހައުލުގައި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ދިވެހިން ބިނާކުރުމަކީ މި ސަރުކާރުން އިސްކަމެއްދެއްވާކަމެއްކަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެމަތިން ޖޮބްސެންޓަރގެ ނަން ނޭޝަނަލް ކެރިއަރ ސަރވިސް އަށް ބަދަލު ކުރައްވައި، މީހުން ބިނާކުރުމުގެ މަސައްކަތްތައް މިވަނީ ފުޅާކުރައްވާފައެވެ.