3 months ago
ހަސަން އަޒުހަދު އަކީ އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ޒުވާނެކެވެ. އޯގާތެރި ފިރިއެކެވެ. ދަރިއެއްގެ ޒިންމާތަކާއި އެކު ވަގުތުދޭ ބައްޕަ އެކެވެ. އެކުވެރިންތަކައި އެކު ޒިންމާދާރު މަގާމެއް ފުރަމުން އައި މުވައްޒަފެކެވެ. އާއިލާގެ އެތައް ބައެއްގެ ލޯބި ލިބެމުން އަންނަ އާއިލީ ވަންތަ މެންބަރެކެވެ.
އެހެންނަމަވެސް މިއަދު އޭނާ އަށް ވަނީ އެހެންމީހުންގެ އެހީތެރިކަން ބޭނުންވެފައެވެ. ދިމާވިކުޑަކުޑަ ހާދިސާއެއްގެ ސަބަބުންނެވެ.
އޭނާގެ ވާތު ލޯ ކޮންމެވެސް ވަރަަކަށް ފުސްވާހެން ހީވާތީވެ، މި ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލުގެ ލޮލުގެ ޑޮކްޓަރަކަށް ދެއްކިއެވެ. ނަންބަރު އައިނެއް އަޅައިގެން ރަނގަޅުވާނެ ކަމަށް ބުނުމުން ޖެހިގެން އައި ހޮނިހިރު ދުވަހު އައިނު ހައްދަން ނަންބަރު ހައްދަން ޖެހޭ ޑޮކްޓަރަށް ދައްކަން ހެނދުނު ދިޔައެވެ. ޑޮކްޓަރ ލޯ ޗެކްކުރުމަށް ފަހު ވާތުލޯ ފެންނަ ނިސްބަތް ކުޑަވެ، އަނދިރިވާން ފަށާފައިވާކަމަށް ބުންޏެވެ. އަދި ލޮލުގެ ސަރޖަރީ އެއް، ނޫނީ ލޭޒަރ ޓްރީޓްމަންޓެއް ހަދައިގެން ނޫނީ ލޯ ރަނގަޅު ނުކުރެވޭނެ ކަމަށް ބުންޏެވެ.
މި ފަރުވާއަކީ ރާއްޖޭން ކުރެވޭނެ ކަމެއް ނޫންކަމަށްވާތީ، ފުރަތަމަ ދެއްކި ޑޮކްޓަރާއި ވާހަކަ ދައްކައިގެން ލިޔުމެއް ހޯދައިގެން ކުރިއަށް ދިއުމަށް އިރުޝާދުދީ، އެ ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ނޯޓުކުރެވި، މެމޯ ހައްދައި ގުޅޭނެ ނަމްބަރު ނަގާ ޖެހިގެން އަންނަދުވަހު ގުޅާލީމައި އަންނަ ގޮތަށް ހުޅުމާލޭ ހޮސްޕިޓަލުން ނުކުމެގެން އައީ ޖެހިގެން އަންނަ ދުވަހުގެ ހޮސްޕިޓަލުގެ ފޯންކޯލުގެ އުންމީދުގައެވެ.
ހޮނިހިރު ދުވަހުގެރޭ އިރާކޮޅު މާލޭގައި އޮތް މީޓިންގ އެއް ނިންމާލުމަށްފަހު، ހުޅުމާލެއަށް އައިސް ހުޅުމާލޭ ނިރޮޅުމަގުން އޭނާ އަށް އާދެވުނީ ވަކިހިސާބަކަށެވެ. އޭނާގެ ކަނދުރާއަށް އެރި ތަދާއެކު ދުއްވަމުން އައި ސައިކަލާ އެކު، ވެއްޓި ހޭނެތުނީއެވެ. ކަކޫ މަށައިގެން ދިއުން ފިޔަވައި މާބޮޑު ހާނިކައެއް ބޭރުފުށުން ފެންނާކަށް ނެތެވެ.
ވަގުތުން ޓްރީޓޮޕް ހޮސްޕިޓަލަށް އެމަޖެންސީގައި ގޮސް ފަރުވާދެވި ހޭއަރައިފިއެވެ. އެހެންނަމަވެސް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ހިނގި މި ކުޑަކުޑަ ހާދިސާގެ ސަބަބުން އަޒުހަދުގެ މުޅި ދިރިއުޅުން އަދިރިކޮށްލިއެވެ. ދެލޯ އެއްކޮށް އަނދިރިވީއެވެ.
އޭނާ އެދަނީ ފަރުވާއަށް ތައްޔާރުވެގެން ދަތުރު ފަށާށެވެ. ލޯބިވާ އަނބިމީހާއާއި ދަރިފުޅު ހަމަލޮލުން ފެނުމުގެ ނަސީބު އަނެއްކާ ވެސް ލިބޭތޯއެވެ. އާއިލާގެ މެންބަރުން އަދި ހެޔޮއެދޭ އެކުވެރިންނާއި އެކު ކުރިން އުޅުނު ދިރިއުޅުން ލިބޭނެކަމުގެ ފުރުހަމަ އުއްމީދުގައެވެ.
ފުރުމުގެ ކުރިން ރާއްޖޭގެ ލޯފަން ކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާގެ ހިތްވަރުގަދަ ދެ މެންބަރުން ކަމަށްވާ އަހުމަދު ފަޔާޒު އާއި މުހައްމަދު ސައްދާމު އާއި އެކު ބައްދަލުވެ ހޭދަކުރެވުނު ވަގުތުގައި ވެސް އަޒުހަދަކީ އަޒުމު ވަރުގަދަކަން ފާހަގަކުރެވުނެވެ. އަދި ހިތްވަރަށް ބަދަލެއް ނާންނަކަން ވެސް ފާހަގަވިއެވެ.
މާޔޫސީ ކަމެއް މޫނުމަތިން ނުދެއްކިޔަސް ހިތުގެ އިހުސާސްތައް ފެންނަ ކަހަލައެވެ. އެއީ ލޮލުގެ ފަރުވާއަށް ބޮޑު ހޭދައެއް ދާނެތީވެ، އެކަމަށް ވިސްނޭވުސްނުމަށް ވެސް ވެދާނެއެވެ. ކަންވީ ވެސް އެހެންނެވެ.
އޭނާ ފުރުމުގެ ކުރިން ވަނީ އެންމެހައި އެކުވެރިންނާއި ހެޔޮއެދޭ ފަރާތްތަކަށް މެސެޖެއް ދީފައެވެ.
"އެކްސިޑެންޓަކާއި ގުޅިގެން ލިބުނު އަނިޔާއަކުން ވަނީ އަޅުގަނޑުގެ ލޮލުގެ ފެނުން ގެއްލިފައެވެ. އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި ތިޔަބޭކަލުންގެ ފަރާތުން ފައިސާގެ ދީލަތި އެހީތެރިކަމެއް ބޭނުންވެއެވެ. އެހެންކަމުން ވެދެވެން އޮތް އެހީތެރިކަމަކަށް އެދި އަޅުގަނޑުގެ ބޭންކް އެކަންޓް ހިއްސާކޮށްލަމެވެ." އަޒުހަދު ބުންޏެވެ.
އަޅުގަނޑުގެ އެދުމަކީ ވީހާވެސް ގިނަ ފަރާތްތަކަށް މިމެސެޖު ފޯރުކޮށްދީ އަޒުހަދު އަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ. އަޅުގަނޑުގެ ދުޢާއަކީ އަޒުހަދުގެ މި ބައްޔަށް އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވައި، އަޒުހަދުގެ ލޮލަށް ފަރުވާކުރުމަށްޓަކައި ގިނަ ބައެއްގެ އެހީތެރިކަން ލިބޭނޭމަގު ތަނަވަސް ވުމެވެ.
ހަސަން އަޒުހަދު
7730000433195
BML