ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން

1 month ago

އަފްރާހް

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އަލްއުސްތާޛް ޢައްބާސް ޝަރީފު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.


ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފު، ޕީޖީގެ މަގާމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ ޖަލްސާގައި ހާޟިރުވެވަޑައިގެން ތިއްބެވި 85 މެންބަރުންގެ އިއްތިފާގުންނެވެ.


ހ. ޔެލޯ ރޯސް އަލްއުސްތާޛް ޢައްބާސް ޝަރީފަަށް ގާނޫނީ ދާއިރާގައި 23 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާއިރު، 1995 އިން 1996 އާ ހަމައަށް އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެސިސްޓެންޓް ސެކްރެޓަރީ ޓްރެއިނީގެ މަގާމު އަދާކުރައްވާފައެވެ. އަދި އެއަށްފަހު މަތީ ތަޢުލީމު ހާސިލް ކުރެއްވުމަށް ބޭރަށް ވަޑައިގެންނެވިއެވެ.


މެލޭޝިއާގައި ޑިޕްލޮމާ ހާސިލްކުރެެއްވުމަށްފަހު، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާ އިން ބެޗެލަރސް ހާސިލްކުރައްވާފައިވާއިރު، މަތީ ތަޢުލީމު ހާސިލްކުރެއްވުމަށްފަހު 2000 ވަނަ އަހަރު އައްބާސް ގާނޫނީ ކެރިއަރ ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމުންނެވެ. އެ އޮފީހުގެ 8 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއިރު 2008 ވަނަ އަހަރު އުފެދިގެން އައި ފެހި ގާނޫނު އަސާސީ ތައްޔާރުކުރެއްވުމުގައި އޭރުގެ ބަންޑަރަނައިބާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ވެސް ވަނީ ކުރައްވާފައެވެ.


2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކޮންސުލްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ޢައްބާސް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސް އައްޔަން ކުރައްވާ މެންބަރުގެ މަގާމާއި ނައިބު ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި ގައުމުގެ މުހިންމު ކަންކަން ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަންތަކުގައި ވެސް ވަނީ ސީނިއަރ މަގާމުތައް ފުރުއްވާފައެވެ.


ހައިކޯޓުގެ ކުރީފެ ފަނޑިޔާރު އައްބާސް ޝަރީފް އާ އިންޓަރވިއު ކުރުމަށްފަހު، އޭނާ އަށް ވަނީ 93.91 އިންސައްތަ މާކްސް ދެއްވާފައެވެ. އަދި އައްބާސް އައްޔަން ކުރެއްވުމަށް ރުހުން ދީފައިވަނީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.


ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.


ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށް ރުހުން ދިނުމުގެ ގޮތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް، މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެކެވެ.


ޔުނިވަރސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަލްއުސްތާޛް އައްބާސް ޝަރީފް ވަނީ 2011 އިން 2015 ވަނަ އަހަރާއި ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު