ޖަޕާނުން ރާއްޖެއަށް 140،000 ޑޮލަރގެ ހިލޭ އެހީއެއް

1 month ago

އަފްރާހް

ޖަޕާނުން ރާއްޖެއަށް 140،000 ޑޮލަރގެ ހިލޭ އެހީއެއް ދިނުމަށް ނިންމައި، އެކަމުގެ ފަހުމުނާމައިގާ ސޮއިކޮށްފިއެވެ.


އެގައުމުގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް" މަޝްރޫއުގެ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފައިވަނީ މި ސެޕްޓެމްބަރ މަހުގެ 17 ވީ އަންގާރަ ދުވަހުއެވެ.


ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމައިގާ ސޮއިކުރެއްވީ މިނިސްޓަރ މޫސާ ޒަމީރު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް ތަކެއުޗި މިދޮރި އެވެ.


ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 20 މިލިއަން ޖަޕާނީސް ޔެން ނުވަތަ 140،000 (ސަތޭކަސާޅީސް ހާސް އެމެރިކާ ޑޮލަރު) ދިނުމަށްވަނީ ނިންމަވާފައެވެ.


މި ރަސްމިއްޔާތުގައި މިނިސްޓަރ ޒަމީރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާ ގުޅުންހުރި އެހެނިހެން ކާރިސާތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމުގައި މި މަޝްރޫއުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.


މިމަޝްރޫއަކީ އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ރައްކާތެރިކަން ފޯރުކޮށްދޭނެ މަޝްރޫޢެއެްކަމުގައި ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.


2004 ވަނަ އަހަރުގެ އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއަށް އިޝާރާތް ކުރައްވައި، މިނިސްޓަރ ޒަމީރު ވަނީ މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި، ޖަޕާނުގެ އެހީގައި 1990 ވަނަ އަހަރު ބިނާކުރި މާލޭގެ ވަށާތޮށި އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.


ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫއުތަކުން ރާއްޖޭގެ ތަރައްްގީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރައްވައި، އެގައުމުގެ ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް މިނިސްޓަރ ޒަމީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.


މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މުއްޠަލިބް ބައިވެރިވެވަޑައިގަތެވެ. އަދި ފޮރިން މިނިސްޓްރީގެ އިސް ވެރިންނާއި ކޮންސްޓްރަކްޝަން މިނިސްޓްރީ، ފިނޭންސް، ޖަޕާނުގެ އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު