ދިވެހިބޭސްވެރިކަމާއި ބެހޭ ދެ ފޮތެއް ރައީސް މައުމޫން ނެރެދެއްވައިފި

1 month ago

އަފްރާހް

ދިވެހިބޭސްވެރިކަމާއި ބެހޭ ދެ ފޮތެއް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ނެރެދެއްވައިފިއެވެ.


މިއީ ބ. ކެންދޫ، ޖަވާހިރުމާގެ އަލްއުސްތާޛު ޢަދުނާން ޔޫސުފް ލިޔުއްވާފައިވާ ދެ ފޮތް ކަމުގައިވާ "ރާއްޖެ ބަލި" އަދި "އައްސިބަލި" އެވެ.


މިކަަމަށްޓަކައި ސެޕްޓެމްބަރ 16 ވަނަ ދުވަހު ހަވީރު ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްއެވެ.


މި ހަފުލާގައި ރައީސް މައުމޫން ވަނީ ދިވެހިބޭސްވެރިކަމާއި ފަތްޕިލާވެލީގެ އިލްމުގެ މުހިންމުކަން ފާހަގަކުރައްވައި، މި އިލްމު ކުރިއެރުވުމަށް އަލްއުސްތާޛް ޢަދުނާން ޔޫސުފްއާއި އޭނާގެ އާއިލާއިން ކޮށްދެއްވައިފައިވާ، އަދި ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.


މިފަދަ އިލްމީ ފޮތްތަކެއް ލިޔުއްވުމަކީ ކުޑަ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި، އެމަނިކިފާނު ވިދާޅުވީ މިއީ ދިވެހި ބޭސްވެރިކަން ކުރިއަރުވަން ޢަދުނާން ޔޫސުފް ކުރައްވާފައިވާ ވަރަށް އަގުހުރި ބުރަ މަސައްކަތެއް ކަމަށެވެ.


އަލްއުސްތާޛު ޢަދުނާން ޔޫސުފްއަކީ، ރާއްޖެތެރޭ ކޯޓުތަކުގައި ޤާޟީ ކަމާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި، އަމީނިއްޔާ ސްކޫލްގެ ދިވެހި ޓީޗަރުކަމާއި ސުޕަވައިޒަރުކަން އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 1984 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމަޔަށް ގާނޫނީ ވަކީލްކަން ވެސް ވަނީ ކުރައްވާފައެވެ.


ދިވެހިބޭސްވެރިކަން ފެތުރެއްވުމަށް އަލްއުސްތާޛު ޢަދުނާން ޔޫސުފް ވަނީ ގިނަގުނަ މަސަތްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާ އުފެއްދެވުމުގައި އިސް ރޯލެއް އަދާކުރެއްވިއެވެ. އަދި އަމިއްލަ ސިލަބަހެއް އުފައްދަވައިގެން މައި ކޮލެޖާއި ގުޅިގެން ދިވެހި ބޭސް ކިޔަވައިދިނުމަށް ކޯހެއް ހިންގަވައި، 2017 ވަނަ އަހަރުން ފެށިގެން 2022 އަށް 8 ބެޗް ތަމްރީން ކުރެއްވިއެވެ.


ދިވެހި ބޭސްވެރިކަމާއި ފަތްޕިލާވެއްޔާއި ބެހޭގޮތުން މިހާރު ވެސް އޭނާ އިތުރު ފޮތްތަކެއް ގެންދަވަނީ ލިޔުއްވަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު