އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

1 month ago

އަފްރާހް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.


ޔޫތް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނުގައި ވަނީ އެ ކައުންސިލުގެ މިހާރު ހިނގަމުންދާ 7 ވަނަ ދައުރުގެ 10 މެންބަރުންގެ މުއްދަތު ޑިސެންބަރު 14 ވަނަ ދުވަހަށް ހަމާވާތީ، މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލާ ކަމަށެވެ.


އެހެންކަމުން މެންބަރުކަމަށް ވާދަކުރަން އެދޭ ފަރާތްތަކުން، މިމަހު 25 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެކުރީން "މީޑިއާ ކައުންސިލްގެ އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރިހަމަކޮށް އަދި އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމަށް ވަނީ އެދިފައެވެ.


ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި މިނިސްޓްރީގެ އީމެއިލް media@youth.gov.mv އަށް ހުށަހެޅޭނެއެވެ.


މެމްބަރުކަމަށް ހުށަހަޅާ ފަރާތުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުމާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.


މީގެއިތުރުން މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި ވޭތުވެދިޔަ 2 އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.


ހަމަމިއާއެކު ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަހުލާގު ރަނގަނޅު މީހެއް ކަމުގައިވުމުގެ އިތުރުން ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާ އެއްގައި އެމީހަކު ލިޔުނު އެއްޗަކާ ބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.


އެމްއެމްސީގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރު ކަމުގައި ޖެހިޖެހިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.


މީޑިއާ ތަމްސީލުކުރާ 7 ގޮނޑިއަށް ކެންޑިޑޭޓުން ހުށަހަޅާނީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުންނެވެ. 


ކިޔުންތެރިންގެ ހިޔާލު