ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ނެރުމަށް ހިންގި ޕްރޮގްރާމް ނިމިއްޖެ

1 month ago

އަފްރާހް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލަށް ނެރުމަށް ހިންގި ޖޮބް ރެޑިނެސް ޕްރޮގްރާމް ނިމިއްޖެއެވެ.


މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއަރ ސޮސައިޓީ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.


26 ޖޫން އިން 29 އޯގަސްޓް ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމު ފުރިހަމަކުރި 12 ފަރާތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.


މި ތަމްރީން ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ކެއަރ ސޮސައިޓީގެ އިމާރާތުގައެވެ. ހަފްތާއަކު 4 ދުވަހުގައި، ދުވާލަކު 2 ގަޑިއިރާއި 45 މިނިޓަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމްގައި މައިގަނޑު 5 ދާއިރާއަކުން ބއިވއރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.


އެއީ އިންޑިޕެންޑެންޓް ލައިފް ސްކިލްސް، ސްޕީޗް އެންޑް ލެންގުއޭޖް ވޮކެބިއުލަރީ، އިންފޯރމަލް އެޑިއުކޭޝަން، ލައިފް ސްކިލްސް، ޖޮބް-ރެޑިނަސް ސްކިލްސް އެވެ.


މީގެ ތެރޭގައި ސީވީ ތައްޔާރުކުރާނެ ގޮތާއި ފޯނާއި އީމެއިލްއިން މުއާމަލާތު ކުރާނެގޮތާއި އިންޓަރވިއުތަކަށް ތައްޔާރުވާނެ ގޮތާއި މީހުންނާއި މުއާމަލާތްކޮށް ގުޅުން ބަދަހިކުރާނެގޮތް ވަނީ ކިޔައިދީފައެވެ. އަދި އާންމު ދަތުރު ފަތުރުގެ ނިޒާމް ބޭނުންކުރާނެ ގޮތްތައް ފަދަ ކަންކަން ކިޔަވާދީ، ތަމްރީން ދެވިފައިވެއެވެ.


މި ތަމްރީން ނިންމި ފަރާތްތަކަށް، ކެއަރ ސޮސައިޓީން އެކުލަވާލާފައިވާ ރިޕޯޓަށް ބަލައި، ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެއެވެ.


މި ޕްރޮގްރާމްގެ ތަޖުރިބާއަށް ބަލައި، ކުރިއަށްއޮތް ތަނުގައިވެސް މިފަދަ އިތުރު ޕްރޮގްރާމްތަކެއް ހިންގުމަކީ އެވުޒާރާގެ އަމާޒުކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.


ޖޮބް-ރެޑިނަސް ޕްރޮގްރާމްގެ އިތުރުން ވަޒީފާގެ މާހައުލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަހުލުވެރިކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ވުޒާރާ މެދުވެރިވެގެން ހޯދާދެވިފައިވާ އިންޓަރންޝިޕްގެ ފުރުސަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.


މި ޕްރޮގްރާމަށް ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަން އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު