މާހަރާ ޕޯޓަލް އިފްތިތާހު ކޮށްފި

1 month ago

އަފްރާހް

ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރަމުންގެންދާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން ޢާންމުންގެ ޚިޔާލުތަކާއި ޝަކުވާތައް ހުށަހެޅުމަށް އެކުލަވާލާފައިވާ "މާހަރާ" ޕޯޓަލް މިއަދު އިފްތިތާހު ކޮށްފިއެވެ.


މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ކުރީގެ ހެލްތު މިނިސްޓަރ ޑޮކްޓަރ އައިމިނަތު ޖަމީލް އެވެ.


މި ޕޯޓަލްގެ އެހީގައި ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ހިއްސާކުރުމުން ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކުރުމަކީ ސިއްހީ ހިދުމަތާއިމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މުހިއްމު އަދި ބޭނުންތެރިކަމެކެވެ.


މިފަދަ ނިޒާމެއް ގާއިމްކުރެވިގެން ދިއުމަކީ ހިދުމަތް ހޯދާ ފަރާތްތަކަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެކެވެ.


މި ޕޯޓަލްއަކީ ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއިއެކު ފަރުމާ ކުރެވި ވުޖޫދު ކުރެވިފައިވާ ވަސީލަތެކެވެ.


ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޚަލީލް އާއި މިނިސްޓްރީގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.


ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަ ކުރަމުންގެންދާ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަހެވެ. މިދުވަހުގެ މި އަހަރުގެ ޝިޢާރަކީ 'ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުން' އެވެ.


މީގެއިތުރުން މި ޝިއާރުގެ ސްލޯގަން އަކީ 'ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުރިހަމައަށް ބަލި ދެނެގަތުން' މިއެވެ.


ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔޫ.އެޗް.އޯ) އިން 2024 ވަނަ އަހަރު ޝާއިޢުކުރި ދިރާސާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން 16 އިންސައްތަ މީހުންނަށް ބަލި ދެނެގަތުމުގައި ލަސްވުމުގެ ސަބަބުން، ފަރުވާ ދިނުމުގައި ލަސްތަކެއް ދިމާވެ، އެފަރާތްތަކުގެ ސިއްހީ ހާލަތު ނާޒުކުވެފައިވެއެވެ.


މީގެއިތުރުން ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ މީހެއްގެ ހަޔާތުގައިވެސް މަދުވެގެން އެއްފަހަރު ބަލި ދެނެގަތުމުގައި އޮޅުންތަކެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.


ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހަކީ އާންމުން ހޭލުންތެރިކުރުމަށާއި ބަލިމީހުންނާއި ސިއްހީ ހިދުމަތްތެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިންގެ މެދުގައި ގުޅުން ހަރުދަނާ ކޮށް އެއްބާރުލުމަށް ލިބޭ ފުރުސަތެކެވެ. ބަލި ރަނގަޅަށް ދެނެގަތުމަކީ ބަލީގެ އަލާމާތްތައް ދެނެގަނެ، އެމީހަކަށް ބޭނުންވާ ފަރުވާ އަވަހަށް ހޯދުމަށް ސަމާލު ކަން ދޭން ޖެހޭ އެންމެ މުހިއްމު ކަމެކެވެ.


ޑައިގްނޯސްޓިކް ސޭފްޓީ ނުވަތަ ބަލި ދެނެގަތުމުގައި ދިމާވާ ހުރަސްތައް މަދު ކުރެވޭނީ ހަރުދަނާ ނިޒާމްތަކެއް ބިނާކޮށް ދިމާވާ މައްސަލަތަކާއި ޑައިގްނޯސްޓިކް އެރަރސް ނުވަތަ ބަލި ދެނެގަތުމުގައި ހެދޭ ގޯސް މެދުވެރިވުމައް ހައްލެއް ހޯދައިގެންނެވެ. މި ކަންކަމުގެ ސަބަބުން ބަލި މީހާގެ ސަލާމަތްތެރި ކަމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާ އެއްކަމަކީ، ސިއްހީ ހިދުމަތްތެރިންނާއި ބަލިމީހާ އާއި ދެމެދު ރަގަޅަށް މުއާމަލާތު ނުކުރެވުމާއި މަސައްކަތުގެ ބުރަތަކާއި، ޓީމް ވޯކް ފުރިހަމައަށް ނުކުރެވުމުންނެއެވެ.


ޑައިގްނޯސްޓިކް ސޭފްޓީ އަށް ދިމާވާ މައްސަލަ ތަކުގެތެރޭގައި ސިއްހީ ހިދުމަތް ތެރިންނަށް ފުރިހަމަ ތަމްރީނުލިބުމާއި ތަޖުރިބާގެ މަދުކަމުންނާއި ވަރުބަލިކަމާއި ސްޓްރެސް އިން ދިމާވެދާނެކަންތައްތަކެކެވެ. އަދި ބަލިމީހާ އާއި މުއާމަލާތް ކުރުން ހީނަރުވެ ބަލިމީހާގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ މަޢުލޫމާތު ނުލިބުމުން ވެސް ބަލި ދެނެގަތުމުގައި ހެދޭ ގޯސްތައް އިތުރުވުމަށް މަގު ފަހިވެއެވެ.


ޑައިގްނޯސްޓިކް ސޭފްޓީއަށް އިސްކަންދީ، ސިސްޓަމްތައް ހަރުދަނާކުރުމާއި، ރައްކާތެރި ޑައިގްނޯސްޓިކް މަގުތައް ފަރުމާކުރުމާއި، ރަނގަޅު ނިންމުންތައް ނިންމުމުގައި ސިއްހީ ހިދުމަތްތެރިންނަށް އެހީތެރިވުމާއި، މުޅި ޑައިގްނޯސްޓިކް ޕްރޮސެސްގައި ބަލިމީހުން ބައިވެރިކުރުމަށް ހުރިހާ އެންމެން މަސައްކަތް ކުރަމުން ގެންދިއުމަކީ ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް މަގު ފަހި ކުރެވޭނެ ކަންކަމެވެ. 


ކިޔުންތެރިންގެ ހިޔާލު